ގޮދަން ފުށް އަޅާފައި ހުރި ކިރު ދަޅު ވިއްކީ ނުއަގުގައި، ގަވާއިދާ ހިލާފަށް ކާކުކަން ނޭނގޭ މީހެއް ކަމަށް ރާއްޖެއަށް ކޯސްޓް ކިރު އެތެެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސްއިން ބުނެފިއެވެ.
ބީއެޗްއެމްއިން މިފަދައިން ބުނީ ދާދިފަހުން މީހަކު ފިހާރައަކުން ގަތް ކޯސްޓް ކިރު ދަޅެއްގައި ގޮދަން ފުށް ހުރި ކަަމަށް ބުނެ، ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކާ ގުޅިގެން އެކަމުގެ ތަހުގީގެއް ކުރުމަށްފަހުއެވެ.
ބީއެޗްއެމްއިން ބުނީ ދާދި ފަހުން ކަސްޓަމަރަކު ގަތް ކޯސްޓް ހިކި ކިރު ދަޅެއްގައި ކިރުގެ ބަދަލުގައި ގޮދަން ފުށް ހުރި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ތިލަވެ މީޑިއާގައި ރިޕޯޓްކުރެވިގެންދިޔަކަން ބީއެޗްއެމްގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ކޯސްޓް ކިރުގެ ސޯލް އޮތޮރައިޒްޑް އިމްޕޯޓާ އަދި ޑިސްޓްރިބިއުޓާގެ ހައިސިއްޔަތުން ބީއެޗްއެމް ޓްރޭޑާޒް އަށް މި ހަބަރު ލިބުމާއެކު އެ ކަމުގެ ހަގީގަތް ދަނެގަތުމުގެ ތަހުގީގެއް ފެށި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ކިރު ދަޅު ގަތް މީހާއާ ހަމައަށް ވާސިލުވެ، އެ ކިރު ދަޅު ގަތް ފިހާރަ ދެނެގަނެވި މައްސަލަ ފާހަގަކުރެވުނު ޔުނިޓް އިތުރު ތަހުލީލުތަކަށް އެ ދަޅު ބީއެޗްއެމްއަށް ގެންދިޔަ ކަމަށާއި އެ ދަޅުގައި ބަންދުކޮށްފައިވަނީ އެ ޕެކޭޖިން އަސްލު ނޫން އެއްޗަކާއި ގަޑުބަޑުކޮށް އޭގައި ހުންނަންޖެހޭ ކިރުގެ ބަދަލުގައި އެހެން އެއްޗެއް އަޅާފައިކަން ތަހުލީލުތަކަށް ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
ބީއެޗްއެމްއިން ބުނީ އެކަން ހިނގާފައިވަނީ ކޯސްޓް ކިރު ރާއްޖޭގެ ބާޒާރުން ހުސްވެފައި ހުރި ދުވަސްވަރެއްގައި ކަމަށާއި ކިރު ދަޅުގެ ބެޗް ކޯޑުން އެނގޭ ގޮތުގައި އެ ދަޅަކީ 2022 ވަނަ އަހަރުގެ ބެޗެއްގެ ދަޅެއް ކަމުން އެއީ މި ފަހުން އެތެރެކުރެވުނު ޝިޕްމަންޓެއްގެ ދަޅެއް ނޫން ކަމަށެވެ.
ކޯސްޓް ކިރަކީ ދުނިޔޭގައި ކިރުގެ ބާވަތްތަށް އުފައްދާ އެންމެ ބޮޑު އެއް ކޯޕަރޭޓިވް، ނެދަލޭންޑްސްގެ ފްރިޒްލޭންޑްކެމްޕީނާގެ ޕްރޮޑަކްޓެއް ކަމަށާއި ފެންވަރު ރަނގަޅު އުފެއްދުންތަކަށް ބީއެޗްއެމްއިން ދޭ ސަމާލުކަމާއި އަހަމިއްޔަތުގެ ނަތީޖާއެއްގެ ގޮތުން ފެރިޒްލޭންޑްކެމްޕީނާއަކީ ކޮލިޓީއަށް ބަދަލެއްނާންނަ އެންމެ ފެންވަރު ރަނގަޅު ޕްރޮޑްކްޓްސް ވިއްކާ ކުންފުންޏެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެ އެކަމުގައި 150 އަހަރުވީ ފަހުރުވެރި ތާރީހެއް އޮތް ކުންފުންޏެއް ކަމަށް ބީއެޗްއެމްއިން ބުނެއެވެ.
ބީއެޗްއެމްއިން ބުނީ ކޯސްޓް ކިރު ދަޅެއްގެ ކޮންޓެންޓް ބަދަލުކުރުމާއި ހުއްދަ ނެތި ކޯސްޓް ކިރުގެ ބާވަތްތަށް ވިއްކުމުގެ ޖިނާއީ މި އަމަލު ފްރީޒްލޭންޑް ކެމްޕީނާއާއި ބީއެޗްއެމް ޓްރޭޑާޒްގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެ ހުއްދަނެތި މިފަދައިން މުދާ ވިއްކުމާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބްރޭންޑްތަކުގެ ނަން ކިލަނބުވެދާނެ މިފަދަ އެންމެހައި އަމަލު ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފުލުހާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށާއި ކޮންސިއުމާ އޮމްބަޑްސްޕާސަންއަށް ގޮވާލާފައެވެ.
ނުއަގުގައި ހުއްދަނެތް ފަރާތްތަކުން ކޯސްޓް ކިރުގެ ޕްރޮޑަކްޓްތައް ވިއްކާނަމަ ނުގަތުމަށާއި އެނޫން ފަރާތަކުން ގަތްނަމަވެސް އެއްވެސް ޝައްކެތްވާނަމަ ގަތް ވަގުތު ފްރޮޑަކްޓް ރަނގަޅަށް ސީލްކުރެވިފައި ވޭތޯ ބެލުމަށް ކޯސްޓް ކިރުގެ ކަސްޓަމަރުންނަށް ބީއެޗްއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.