މޫސުން ގޯސްވެ، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓު އޮފީހުން ބުނީ އެ ސަރަހަށްދައް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަނޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ.

މިއަދު ހެނދުނު 10:00 އިން މެންދުރު ފަހު 3:00އަށް ޔެލޯ އެލާޓް ނެރެފައިވަނީ ލ، ގއ، ގދ، ޏ އަދި އައްޑޫ ސިޓީއަށް ކަމަށް މެޓު އޮފީހުން ބުނެއެވެ.

މެޓު އޮފީހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ސަމާލުވުމުގެ އިތުރުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެދިފައެވެ.

ޔެލޯ އެލާޓް މިއަދު ނެރެފައިވާއިރު ކަނޑު ދަތުރު ކުރުމުގައި މޫސުން ގޯސް ވެ ރީނދޫ އެލާޓް ނުވަތަ އެއަށް ވުރެ މަތީ އެލާޓެއް ނެރެފައި ވަނިކޮށް ކަނޑު ދަތުރު ފަތުރު ކުރާ އުޅަނދުތަކުގެ ތެރެއިން 9 މީޓަރަށް ވުރެ ކުދި އުޅަނދުތަކުގައި ފަސިންޖަރުން އުފުލުމަކީ މަނާ ކަމެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓުކޮށްފައިވާއިރު މި ގަވާއިދާ ހިލާފު ވެއްޖެ ނަމަ، އެ އުޅަނދުގެ އޮޕަރޭޓާ 15،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. އަދި އުޅަނދު ދުއްވި ފަރާތުގެ މައްސަލަ ބެލުމަށްފަހު ލައިސަންސް ތިން މަސް ދުވަހުގެ މުއްދަތަށް ހިފެހެއްޓުމާއެކު، ކުރި ކުށުގެ މައުލޫމާތު ލައިސަންސް ފޮތުގައި ލިޔެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.