ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި އަހަރު ހައްޖަށް ގޮސް އުޅެނިކޮށް ރޭ ނިޔާވި ނ. ހޮޅުދޫ، ގާސިމް އިބްރާހިމް (70އ) ނިޔާވީ ފަތިސް ނަމާދަށް ވުޟޫކުރަން ވަންތަނާ ކަމަށް އާއިލާއިން ބުނެފިއެވެެ.

މައްކާގައި ހުރެ "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ގާސިމްގެ ދޮށީ ދަރި، އިބްރާހިމް ޒަކީ ބުނީ އޭނާ ބައްޕަ ނިޔާވީ އެއްވެސް ބައްޔެއް މެދުވެރިވެގެން ނޫން ކަމަށާއި އެއީ ކުއްލި މަރެއް ކަމަށެވެ. އަދި ގާސިމް ނިޔާވިތާ މާ ގިނައިރެއް ނުވެ އެނގުނު ކަމަށާއި ނިޔާވީ ފަތިސް ނަމާދަށް ވުޟޫކުރަން ފާހަނައަށް ވަން ތަނާ ކަމަށް ޒަކީ ކިޔައިދިނެވެ.

ޒަކީ ބުނީ އޭނާގެ ބައްޕަ ފާހަނައަށް ވުޟޫކުރަން ވަތްފަހުން އެއްވެސް އަޑެއް ނީވެގެން ބެލިއިރު އިނީ ފާހަނަ ތަށިމަތީގައި ކަމަށާއި އޭރުވެސް ފުރާނަ ނެތް ކަމަށެވެ. އަދި އޭރު ފާހަނައަށް ވަންތާ މާ ގިނައިރު ނުވާނެ ކަމަށްވެސް ޒަކީ ވަނީ ބުނެފައެވެ.

"ފާހަނައަށް ވަދެ އިރުކޮޅެއް ވީއިރުވެސް ފެނާ ކުޅޭ އަޑު ނީވޭތީ ބަލާލިއިރު ބައްޕަގެ ފުރާނަ ގޮސްފައި އިނީ، ފާހަނަތަށި މަތީގައި ކޮޅަށް އިނީ އޭރުވެސް"
އިބްރާހިމް ޒަކީ

ކޮލެސްޓްރޯލާއި ލޭ މައްޗަށް ދިއުމުގެ ބައްޔަށް ގިނަ ދުވަސްތަކެއް ވަންދެއް ބޭސްކުރަމުންދާ ގާސިމް ނިޔާވީ ރޭގެ އެންމެ ފަހުގެ ތަވާފާއި ސައުޔުކޮށް ނިމުމުން ވަރަށް ހިތްހަމަ ޖެހިގެން އުފަލުން އެ ވާހަކަ ދައްކާފައި ވަނިކޮށެވެ. ޒަކީ ބުނީ ރޭގައި ކުރި އެންމެ ފަހުގެ ތަވާފުކޮށްފައި ސައުޔުކޮށްގެން ހޮޓަލަށް ދެވުނީ މެންދުރު 12 ޖަހާ ބޮޑުވި ފަހުން ކަމަށް އެކަމާމެދު ހިތްހަމަޖެހިގެން އެ ވާހަކަދައްކާ ހެދި ކަމަށެވެ.

ގާސިމަކީ މިއަހަރު ހައްޖަށް ދިޔަ ފަހުން ސައުދީ އަރަބިއްޔާގައި ނިޔާވި ދިވެހި ތިންވަނަ މީހާއެވެ. މީގެ ކުރިން ނިޔާވެފައި ވަނީ އުމުރުން 72 އަހަރުގެ ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން އެވެ. ހަސަން ނިޔާވެފައި ވަނީ މައްކާގެ ސައޫދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހުކުރު ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 18:17 ގައެވެ.

ހަސަން ވަޅުލާފައި ވަނީ ހޮނިހިރު ދުވަހުގެ އަސްރު ނަމާދަށް ފަހު މަސްޖިދުލްހަރަމްގައެވެ. މީގެ އިތުރުންވެސް ގެއްލިގެން ހޯދަމުން ދާތާ ތިން ދުވަސްފަހުން ވެސް ނިޔާވެފައި އޮތް ދިވެއްސަކު ވަނީ ފެނިފައެވެ. އެއީ އުމުރުން 72 އަހަރުގެ ރ. މާކުރަތު، މަލަ، މުހައްމަދު ނަސީމް އަލީއެވެ. އަލްހަރަމައިން ހައްޖު ގުރޫޕުގެ ފަރާތުން ހައްޖަށް ގޮސް އުޅުނު ނަސީމް ނިޔާވެފައި އޮއްވާ ފެނުނީ ހިރާ ފަރުބަދައާ ދިމާލުންނެވެ.

ނަސީމްގެ ހަށިގަނޑު ވަޅުލާފައި ވަނީ ރޭގެ ފަތިސް ނަމާދަށް ފަހުއެވެ. އޭނާގެ ހަށިގަނޑު ވަޅުލުމަށް ކޮންމެ ނަމާދު ވަގުތެއްގެ ފަހުން މަސައްކަތް ކުރަމުންދާ ކަމަށް ހަރަމައިން ގްރޫޕުން ބުނި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ އާއިލާއިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނަސީމް ނިޔާވިތާ 24 ގަޑިއިރު ނުވަތަ 36 ގަޑިއިރު ވެފައިވާ ކަމަށެވެ. އަދި ނިޔާވާން ދިމާވި ސަބަބެއް އެ މީހުން ނުބުނާ ކަމަށާއި ނިޔާވި ސަބަބު އެއް ގޮތަކަށްވެސް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް އާއިލާއިން ލަފާކުރަނީ ނަސީމް ނިޔާވީ ނުކައި، ނުނިދާ ތަނެއް ހޯދުމަށް، ދިން ހާ އަތްވެއްގައި ހިނގުމުގެ ސަބަބުން ކަމަށެވެ. އަދި އާއިލާއިން ބުނީ ނިޔާވީ ކާން ނުލިބިގެން ކަމަށް ޝައްކު ކުރެވުނު ނަމަވެސް ހައްޖު ދުވަސްވަރު އެ ސަރަހައްދުން ކާން ނުލިބިގެން މަރުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބައެއް ޝައިހުން ބުނާ ކަމަށެވެ.

އަމިއްލަ ރަށުގައާއި މާލޭގައި ވެސް ވިޔަފާރި ކުރާ ވިޔަފާރިވެރިޔާ ނަސީމް މީގެ ކުރިންވެސް 2 ފަހަރަކު ވަނީ ހައްޖަށް ގޮސްފައެވެ. ދާދިފަހުން ހަނދާން ނެތުމުގެ ބަލި ކަމެއް ނަސީމްގެ ކިބައިން ފާހަގަ ކުރެވޭ އިރު އޭނާ ގެއްލުނީ އިހުރާމުގައި ހުއްޓާ ކަމުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ ވެސް އިހުރާމުގައެވެ.

މީގެއިތުރުންވެސް އެހެން ދެ ހައްޖުވެރިއެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދީފައިވެއެވެ.