ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފުރާވަޑައިގަންނަވަން ހުއްދަ ދީފައި ނުވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އަދީބު މާދަމާ ރާއްޖެއިން ބޭރަށް ފުރުވާލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދީބު ރާއްޖެއިން ބޭރަށް ފުރުވާލަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ކުރިން އަދީބު ފުރުވާ ނުލައިފިނަމަ ކޮށްލައްވަފާނޭ ފަޟީހަތަކުން ރެކުމަށްޓަކައި ކަމަށް އަޑުއިވިވަޑައިގަންނަވާ ކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "ދަ ޕްރެސް" އަށް ވިދާޅުވީ މި ވަގުތާ ހަމައަށް އަދި ހުއްދަ ދެވިފައި ނެތް ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިދިޔަ 2020 އަހަރުގެ ތެރޭގައި ވަނީ ހުކުމް ކޮށްފައެވެ. އެހެންނަމަވެސް މިހާރު އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި ހުންނަވައިގެންނެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ރ. ފުއްގިރި ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާތަކާ ދެކޮޅަށް އަދީބު ހެކިބަސް ދެއްވާފައި ވާއިރު މީގެ ކުރިން ވަނީ އެ މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވައިފިނަމަ އަދީބު ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމުގެ އަޑުތައް ފެތުރިފައެވެ.
މި ވާހަކަތަކާ ގުޅިގެން އަދީބާ ގާތް މަސްރަރަކުން ބުނީ އަދީބު ފުރާވަޑައިގަންނަވާކަން އަދީބަށް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.