ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާތަނަށް 16 ތަނެއް ރައިޑްކޮށް 66 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި 66 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ 65 މީހަކާއި އަދި އިންޑިއާއަށް ނިސްބަތްވާ މީހެއް ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މާލެ އާއި ހުޅުމާލޭގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ބަލަމުން ދަނީ ބިދޭސީން މަސައްކަތްކުރާ އެކި ސައިޓުތައް ކަމަށެވެ. އެގޮތުން ބިދޭސީންނަށް ކައްކާ، ކޭޓަރިންގެ ހިދުމަތްދެމުންދާ ބައެއް ބޮޑެތި ތަންތަންވެސް ބަލަމުން ދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ބަންދުކުރުމަށް ހަދާފައިވާ "އިމިގްރޭޝަން ޑިޓެންޝަން ސެންޓަރާ" އެކު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ އެ ފަރާތްތަކުގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބައިތިއްބަނީ ހުޅުމާލޭގައި ހަދާފައިވާ މި ޑިޓެންޝަން ސެންޓަރުގައެވެ. މިއީ 200 މީހުންގެ ޖާގައިގެ މި ޑިޓެންޝަން ސެންޓަރެކެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގެ މައްސަލަ ބޮޑުވެފައިވާއިރު 2019 ވަނަ އަހަރު އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންވަނީ އެ ފަދަ ފަރާތްތައް ހޯދާ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެެވެ. އަދި ކޮވިޑްގެ ދުވަސްވަރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 18،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
މީގެ އިތުރުން ގަވައިދާ ހިލާފަށް ރާއްޖޭގައ މަސައްކަތްކުރަމުންދާ ބިދޭސީން ގަވައިދުތަކާއި އިމުގެ ތެރެއަށް ވަނުމަށް ފުރުސަތު ދިނުމަށް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.