ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ފޮޓޯ ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ މާސްކުތައް އަޅައިގެން އިދިކޮޅުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ހުދު ކުލައިގެ ފޮތި ގައިގައި އޮޅައި، ރައީސާއި މޯދީ ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މާސްކުތައް އަޅައިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އަޑުގަދަކޮށް ލަވަޖަހަމުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ސިލްސިލާކޮށް އެ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް އިއްޔެ ބާއްވައިފައެވެ.
ބައެއް މަސްދަރުތަކުގައިވާ ގޮތުން، އިދިކޮޅުން އެގޮތަށް މާލި ނެރެ، ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި އިންޑިއާގެ ބައެއް މީހުންގެ ނަންތައް ހިމެނުމުން ކަމަށް ބުނެއެވެ.
އިދިކޮޅުން އިއްޔެ ބޭއްވި ހަރަކާތް ކުށްވެރިކޮށް، ސަރުކާރުން ވަނީ އިނގިރޭސިބަހުން މިއަދު ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ސަރުކާރުން ބުނީ "އިންޑިއާ އައުޓް" ޝިއާރު ބޭނުންކޮށްގެން އިދިކޮޅުން ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އިދިކޮޅުން އިއްޔެ ބޭއްވި ހަރަކާތަކީ ލަދުވެތި އަމަލެއްގެ ގޮތުގައި އެ ބަޔާނުގައި ސިފަކޮށްފައެވެ.
ސަރުކާރުން އެ ބަޔާނުގައި އިތުރަށް ބުނީ:
- އިދިކޮޅުގެ އެ ހަރަކާތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ހީނަރުވެގެން ދާނެ ކަމަށް
- އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އަވަށްޓެރިޔާ ކަމަށް
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން މިދިޔަ ފަސް އަހަރު ދުވަހު އެތައް ގުނައަކަށް ބަދަހިވެއްޖެ ކަމަށް ބުނާ ބުނުމާއި، ރާއްޖޭން އަބަދު ވެސް ހިފަހައްޓާ "ފުރަތަމަ އިންޑިއާ" ސިޔާސަތު ހިފެހެއްޓުމުގައި ދެމިހުންނާނެ ކަމަށް ބުނާ ބުނުން، ސަރުކާރުން ވަނީ ތަކުރާރުކޮށްފައެވެ. އަދި ރާއްޖެ އާއި ބޭރު ގައުމުތަކުގެ ދެމެދު އޮންނަ ގުޅުންތައް ހީނަރުވެގެން ދިއުމަށް މަގުފަހިވާ ފަދަ އަމަލުތައް ނުކުރުމަށް ގޮވާލާ ގޮވާލުން ވެސް ވަނީ ތަކުރާރުކޮށްފައެވެ.
ކުރިން ބާއްވާ ވަރަށް ވުރެ ފުޅާކޮށް އިދިކޮޅުން އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، ކޮންމެ ރެއަކު ސިލްސިލާ ކޮށް ޕީޕީއެމްގެ އޮފީސް ދޮށަށް އެއްވެ އިހްތިޖާޖުކުރެއެވެ. ރައީސާއި މޯދީގެ ފޮޓޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މާސްކުތައް އަޅައިގެން އިދިކޮޅުން އެއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.