ނިރުބަވެރި (ޓެރަރިސްޓް) ހަމަލާއެއް ދީފާނެކަމަށް ބަލައި، އިނގިރޭސިވިލާތުން ނެރުނު ޓްރެވެލް އެޑްވައިޒަރީ އަކީ ހަމައެކަނި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ނެރުނު އެޑްވައިޒަރީއެއް ނޫން ކަމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސިވީލާތުގެ ސަފީރު ކެރޮލިން ރޮސްލާ ވިދާޅުވެއްޖެއެވެ.

ކެރޮލިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޓްރެވަލް އެޑްވައިޒަރީއަކީ ހަމައެކަނި ރާއްޖެއަށް އަމާޒުކޮށް ނެރުނު އެޑްވައިޒަރީއެއް ނޫންކަމަށާއި އެއީ މި ސަރަހައްދުގެ ގައުމުތަކަށް ބަލައި ނެރުނު އެޑްވައިޒަރީއެއް ކަމަށެވެ.

މި މަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދީފާނެކަމަށް ނުވަތަ އެފަދަ ހަމަލާއެއް ރާވަމުންދާކަމަށް ބެލުމުގެ ފުރުސަތު އެބައޮތް އޮތް ކަމަށްވެއެވެ. މިގޮތަށް އިނގިރޭސި ވިލާތުން ޓްރެވަލް އެޑްވައިޒްރީ ނެރެފައިވާއިރު މީގެ ކުރިންވެސް ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ ހަމަލާތައް އަމާޒުވެފައި އެބަހުއްޓެވެ.

އެގޮތުން ދާދިފަހުން ރައީސް ނަޝީދުއަށް އަމާޒު ކުރި ބޮމުގެ ހަމަލާގެ އިތުރުން ފުލުހުންގެ ލޯންޗުތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުވެސް ކުރަނީ ހަރުކަށި ފިކުރުގެ މީހުންނަށެވެ.

ގައުމުތަކުގެ ސިޔާސީ، އިގްތިސާދީ އަދި އިޖްތިމާއީ ހާލަތަށް ރިއާޔަތްކުރުމަށްފަހު ބޮޑެތި ގައުމުތަކުން މީގެ ކުރިންވެސް ޓްރެވަލް އެޑްވައިޒަރީތައް އާ ކުރެއެވެ. އަދި އެ ގައުމުގެ ރައްޔިތުން އެ ތަނަކަށް ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ މުހިންމު ކަންކަން އެޑްވައިޒަރީ މެދުވެރިކޮށް ބުނެދެއެެވެ.