އިނގިރޭސިވިލާތުގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ އިންތިހާބީ ބޮޑުވަޒީރު ކޭއާ ސްޓާމާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ލޭބާ ޕާޓީއަށް ލިބުނު ތާރީހީ ކާމިޔާބީ ފާހަގަކުރައްވާ މަރުހަބާ ދަންނަވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސްޓާމާގެ ލީޑާޝިޕްގެ ދަށުން، އިނގިރޭސިވިލާތަށް، ތަނަވަސްކަމުގެ އާ ފަތިހެއް ފެންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އިއްޔެ އިނގިރޭސި ވިލާތުގައި ބޭއްވި އާންމު އިންތިހާބުގައި ލޭބާ ޕާޓީއިން ވަނީ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ. އެ ޕާޓީއިން ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 326 ގޮނޑިއަށްވުރެ ގިނަ ގޮނޑި މިހާތަނަށް ޔަގީންކޮށްފައެވެ. އެ މަޖިލީހުގައި ޖުމްލަ 650 ގޮނޑި ހިމެނޭއިރު އޭގެތެރެއިން 410 ގޮނޑި ލޭބާ ޕާޓީއިން ކާމިޔާބު ކުރާނެ ކަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

ސްޓާމާއަށް ލޭބާ ޕާޓީގެ ލީޑަރުކަން ލިބިވަޑައިގަތީ 2019 ވަނަ އަހަރުއެވެ. ލޭބާޕާޓީއިން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ކާމިޔާބުކޮށްފައި މި ވަނީ 14 އަހަރަށްފަހުއެވެ.