އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އާ ނުލައި އިނގިރޭސިވިލާތަށް ދަތުރު ނުކުރެވޭ ގޮތް ހެދުމަށް އެ ގައުމުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދަށް ގެންނަ ބަދަލުތަކާ ގުޅިގެން ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހުގައި ކަމަށެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މި ބަދަލާ ގުޅިގެން ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ގައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ.

އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށް ވާއިރު، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީއިން ބުނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަން ދިނުމަށާއި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ އެގައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމުގައި އެ ގައުމުން ބުނެއެވެ.