މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދިޔަ ހައްޖާޖީން އަންނަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ހަ ފްލައިޓެއްގައި ކަމަށެވެ. އަދި އެންމެ ފުރަތަމަ ދެފްލައިޓް އަންނަ މަހުގެ 7 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު އެ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަލްމަނާސިކާއި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިންގެ ގްރޫޕެވެ.

މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދަން ސައުދީ އަރަބިއްޔާ އިން ދިނީ 1،000 ކޯޓާ އެވެ. އޭގެ ތެރެއިން ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދީފައިވާއިރު ދެން ހުރި ކޯޓާތައް ދިނީ ހައްޖު ކޯޕަރޭޝަނަށެވެ.

ރާއްޖެއިން މީހުން ހައްޖަށް މީހުން ގެންދިއުމަށް މި އަހަރު އަލްހަރަމައިން ހައްޖު އެންޑް އުމްރާ އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އަށް ހުއްދަ ދީފައިވާއިރު ބައެއް ގުރޫޕުތަކުން އިތުރަށް ފައިސާ ނެގި ކަމުގެ ޝަކުވާ ބައެއް މީހުން ވަނީ ކޮށްފައެވެ.

މިއަހަރު ދިވެހި ހައްޖުވެރިންގެ އިސްބޭފުޅެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ނާއިބު ރައީސް ފައިސަލް ނަސީމްއެވެ.