މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދާ ފޮޓޯ ނެގުމުގެ މުބާރާތުގައި ބައިވެރިވެ ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފޮޓޯ ނެގުމުގެ މި މުބާރާތަކީ ހޯމް މިނިސްޓްރީ އަދި ޔުނައިޓެޑް ފޮޓޯގްރަފާސް އެސޯސިއޭޝަން (ޔޫޕީއޭ) ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ޔޫޕީއޭއިން ބުނީ "މިނިވަން އުފާ" ތީމްއަށް ކުރިއަށް ގެންދާ މި މުބާރާތުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް 3 ފޮޓޯ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާއިރު ފޮޓޯ ހުށަހެޅުމު ފުރުސަތު ހުޅުވާލެވިފައި ވަނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ފޮޓޯ ހުށަހެޅޭނެ ދާއިރާތަކަކީ ރާއްޖޭގެ ސަގާފީ ހަރަކާތްތައް، ގުދުރަތީ މަންޒަރުތައް، ކަނޑުއަޑީގެ މަންޒަރުތައް، ދިވެހިންގެ އާދަކާދަތައް، ގޮނޑުދޮށްތައް އަދި ތާރީހީ ބިނާތައް ކަމަށް ޔޫޕީއޭއިން ބުނެއެވެ. ހުށަހަޅާ ފޮޓޯތައް ހުންނަންވާނީ ޖޭޕީއީޖީ ނުވަތަ ޕީއެންޖީ ފޯމެޓުގައި ކަމަށާއި ފައިލް ސައިޒް ހުންނަންވާނީ 3 އެމްބީ އާއި 10 އެމްބީއާ ދެމެދުގައި ކަމަށް ވެސް އެ އެންޖީއޯއިން ބުނެއެވެ.

ފޮޓޮޔަށް މާކްސް ދޭނެ ގޮތް:

  • ތީމްއާ ގުޅުން ހުރި މިންވަރު - 30 މާކްސް
  • ކޮމްޕޮސިޝަން - 20 މާކްސް
  • ޓެކްނިކަލް އެކްސެލެންސް - 20 މާކްސް
  • ކްރިއޭޓިވިޓީ އެންޑް އޮރިޖިނަލިޓީ - 30 މާކްސް

މުބާރާތުގެ 1 ވަނައަށްދާ ފަރާތަކަށް 15،000 ރުފިޔާ، 2 ވަނައަށްދާ ފަރާތަކަށް 7،000 ރުފިޔާ، އަދި 3 ވަނައަށްދާ ފަރާތަކަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު 2 ވަނައަށް ދާ 2 ފަރާތެއް އަދި 3 ވަނައަށް ދާ 3 ފަރާތެއް ހޮވުމަށް ވަނީ ނިންމާފައެވެ.

މުބާރާތަށް ހުށަހަޅާ ފޮޓޯތަކުގެ ތެރެއިން ވަނަތަކަށް ހޮވޭ ފޮޓޯތަކާއި ޖަޖުން ހޮވާލާ ފޮޓޯތައް ޖުލައި 26 ވަނަ ދުވަހު ޔޫޕީއޭގެ ވެބްސައިޓްގައި ޝާއިއު ކުރާނެ ކަމަށާއި ފޮޓޯތައް ދައްކާލުމަށް މައުރަޒު ބާއްވާނެ ތަނެއް ޖުލައި މަހު ކުރީކޮޅު ނިންމާނެ ކަމަށް ވެސް އެ އެންޖީއޯއިން ބުނެއެވެ.