އެމްޑީޕީން ބައެއް މީހުން ވަކިވިޔަސް ޕާޓީއަށް ހީނަރުކަން ނުލިބޭކަމަށާއި، އެހެންނަމަވެސް 'ހިތަށް ހީނަރުކަން' ލިބުނު ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ޖާބިރު އެމްޑީޕީ އާއި ގުޅުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީ އަކީ މިއަދު އެއްވެސް މީހަކަށް ބަރޯސާވެފައިވާ ޕާޓީއެއް ނޫން ކަމަށެވެ. އެމްޑީޕީ އަކީ ވަކިވަކި ފަރުދުންނަށް ބަރޯސާވާނެ ޕާޓީއެއް ނޫންކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ޕާޓީން ބައެއް މީހުން ވަކިވިޔަސް އެ ޕާޓީއަށް ހީނަރުކަން ނުލިބޭ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޕާޓީއަށް އަބަދުވެސް ތުހުމަތުތައް ކުރާނެ ކަމަށާ އެއީ ކަންބޮޑުވާކަމެއް ނޫން ކަމަށެވެ. ފައްޔާޒު ވަކި ބޭފުޅެއްގެ ނަން ވިދާޅުވެފައި ނުވާއިރު އެމްޑީޕީ އުފައްދާ އެ ޕާޓީ މިހާ ހިސާބަށް ގެންދިއުމުގައި ބުރަ މަސައްކަތަތަކެއް ކުރެއްވި ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ހަފްތާ ތެރޭ އެ ޕާޓީ އާއި ވަކިވެފައެވެ. މީގެ އިތުރުން އެމްޑީޕީ ހަރަކާތްތަކުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވިި ބައެއް މެންބަރުން ވަނީ އެ ޕާޓީ އާއި ވަކިވެފައެވެ.

ރައީސް ނަޝީދު އެމްޑީޕީ އިން ވަކިވުމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެ ނިންމުމަކީ އެހެން ޕާޓީތަކަށް އެ ޕާޓީތަކުން ބޭނުންވާ މަގުން ދިއުމަށް އެޅިގެން ދިޔަ ފާލެއްކަމުގައެވެ. އަދި ރައީސް ނަޝީދު އެމްޑީޕީއިން ވަކިވުމުން ހިތާމަކުރައްވާކަމަށްވެސް ފައްޔާޒުވަނީ ވިދާޅުވެފައެވެ. އިތުރަށް ފައްޔާޒު ވަނީ އެމްޑީޕީ އާއި އެމްޑީޕީގެ މެންބަރުންގެ ނަމުގައި އެ މަނިކުފާނަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި ރައީސް ނަޝީދު އެމްޑީޕީއަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވާފައެވެ.