އަންނަ ދިރާސީ އާ އަހަރު ގެ ނިޔަލަށް ހުރިހާ ރަށެއްގެ ސްކޫލުތަކަށްވެސް ދިވެހި ޕްރިންސިޕަލުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދިރާސީ އާ އަހަރަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ސްކޫލްތަކަށް ދާއިމީ ޕްރިންސިޕަލުން ހޯދާ އައްޔަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރު ސަރުކާރު ސްކޫލްތަކުގައި ދާއިމީ ޕްރިންސިޕަލުން ނެތް 58 ސްކޫލު ހުރި ކަމަށެވެ. އަދި އޭގެތެރޭގައި 26 ސްކޫލެއްގައި ޕްރިންސިޕަލުންގެ ގޮތުގައި ތިބީ ބިދޭސީން ކަމަށް ވިދާޅުވިއެވެ.

ޕްރިންސިޕަލުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ދިވެހިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި 15 ބިދޭސީ ޕްރިންސިޕަލުން ތިބި ކަމަށެވެ.

ޕްރިންސިޕަލުން ތަމްރީން ކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގަމުން އަންނައިރު މިހާރުވެސް ރާއްޖެއިން ބޭރުން ގިނަ ޕްރިންސިޕަލުން ތަމްރީން ވެ ހިދުމަތާ ގުޅިފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ. މީގެ އިތުރުން އަހްމަދު އަލީ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ އަންނަ ދިރާސީ އާ އަހަރު ގެ ނިޔަލަށް ހުރިހާ ރަށެއްގެ ސްކޫލުތަކަށްވެސް ދިވެހި ޕްރިންސިޕަލުން ހޯދުން ކަމަށެވެ.

ވޭތުވެ ދިޔަ ދިރާސީ އަހަރަކީ ކާމިޔާބު އަހަރެއްކަން ފާހަގަކުރައްވައި އަހްމަދު އަލީ ވިދާޅުވީ އޯލެވެލްގެ ގަދަ ދިހައަކާއި، އޭލެވެލް ގަދަ ދިހައެއްގައި މިހާތަނަށް އެންމެ ގިނަ ދަރިވަރުން ހިމެނުނީ މިދިޔަ އަހަރު ކަމަށެވެ.