މިނިވަން އިންސާފުވެރި އިންތިހާބަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބެއް ފޯރުކޮށްދިނުމަށް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ.

2008 ވަނަ އަހަރު ގާނޫނު އަސާސީ ތަސްދީގުކޮށް ރިޔާސީ އިންތިހާބަކަށް ތައްޔާރުވަމުން ދިޔައިރު ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކޮށްފައި އޮތް ކަމަށާއި ނަމަވެސް އެމައްސަލަ ދައުލަތުން އަނބުރާ ގެނައީ، އޮތް ނިންމާނީ ރައްޔިތުން ކަމަށް އޭރުގެ ސަރުކާރުން ގަބޫލު ކޮށްގެން ކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ގައުމުގެ މަސްލަހަތާއި ރައްޔިތުންނަށް މިނިވަން މުސްތަގިއްލު އިންތިހާބެއް ފޯރުކޮށްދިނުމަށް ރައީސް ޔާމީނަށް އިންތިހާބުގައި ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

މިއަދު ކާކުތޯ ގަބޫލު ކުރާނީ އެފުރުސަތު ރައީސް ޔާމީނަށް ދެއްވަފާނެ ކަމަށް. ނޫނީ ނާޒިމް ކީއްވެގެންތޯ އޭސީސީއަށް ދަމަން އެޖެހުނީ. ގައުމުގެ މަސްލަހަތު އެއީ ވަރަށް މުހިއްމު އެއްޗެއް. 2008 ވަނަ އަހަރު ރައީސް ނަޝީދުގެ މައްޗަށް އޮތް ދައުވާ އަނބުރާ ގެނައިއިރު ކިހައި ދެކޮޅަށް ހުރި ވާހަކަތަކެއް ވެސް އަޅުގަނޑުމެނަށް އަޑުއިވޭނެތޯ؟ އެކަމަކު ހުރޭ ގައުމުގެ މަސްލަހަތާއި ރައްޔިތުންނަށް މިނިވަން މުސްތަގިއްލު އިންތިހާބެއް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ ކަންތައްތަކެއް.
އާޒިމާ

ކުރިއަށް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ތާއީދު ކުރުމަށް އާޒިމާ ވަނީ ނިންމަވާފައެވެ.

ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.

މި މައްސަލައިގެ އިސްތިއުނާގެ އަޑުއެހުންތައް އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި އޮންނާނެ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މީގެ ކުރިން ޔާމީން ވަނީ މި މައްސަލައަކީ އިސްތިއުނާފުގެ މައްސަލައަކަށް ވާތީ މި މައްސަލަ އަވަސްކޮށް އަދި ވަގުތު ދިގުލައިގެންދާ ގޮތަށް ކުރިއަށް ގެންގޮސް ދެއްވުން ނިހާޔަތަށް އެދޭ ކަމަށް ވިދާޅުވެފައެވެ