އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހަދާ ޓެސްޓުތަކުގެ ރިޕޯޓު އަދި ބޭސް ސިޓީ އީ-ފާސް އިން ބެލޭނެ ގޮތް ހަދައިފިއެވެ.

އީ-ފާސް އިން ބުނީ ސަރުކާރުގެ މައި ހޮސްޕިޓަލުން ހަދާ ލެބް ޓެސްޓުތަކުގެ ރިޕޯޓު އަދި ބޭސް ސިޓީ މިހާރު އީ-ފާސް އިން ބެލެން ހުންނާނެ ކަމަށެވެ.

މީގެ ކުރިން އައިޖީއެމްއެޗުން ހަދާ ޓެސްޓް ތަކުގެ ނަތީޖާތައް އެ ހޮސްޕިޓަލްގެ އީ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭއިރު، އައިޖީއެމްއެޗް އިން ބުނީ މިހާރު އީ-ފާސް މޮބައިލް އެޕުން، ޕާސްވޯޑު އަދި އޯޓީޕީ އާ ނުލައި ކިއުއާރް ކޯޑު ސްކޭން ކޮށްލައިގެން ލޮގިން ކޮށްލަން މަ ފަސޭހަވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބަލި މީހުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗް ޕޯޓަލް

މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އީ-ފާސް މެދުވެރިކޮށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު އީ-ފަސްއަށް ފަސޭހިން ލޮގިން ވެވޭނެ ގޮތް ހެދުމަަށް މޮބައިލް އެޕުން ޕާސްވާޑް އަދި އޯޓީޕީއާ ނުލައި ކިއުއާރު ކޯޑް ސްކޭން ކޮށްލައިގެން ލޮގިން ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.

މި ގޮތުން ސަރުކާރުން ވަނީ މިއަހަރު ޑިޖިޓަލް ލައިސަންސާ، ޑިޖިޓަލް އައިޑީކާޑުގެ ހިދުމަތް އީ-ފާސް މެދުވެރިކޮށް ދޭން ފަށާފައެވެ،