ޖިނާއީ އަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓާކޮށް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ފުލުހުންގެ ކިބާގައި ގާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން އެންކަލް ބްރެސްލެޓް (ޓެގް) ބޭނުންކުރަން އަލުން ފަށާފައި ވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި ވާއިރު މިނިވަން ނޫހުގެ ނުސްވެރިޔާ އަހްމަދު ރިޟްވާނު އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އަހްމަދު އިސްމާއީލް ބަންދުން ދޫކޮށްލާފައި ވާއިރު އޭނައިގެ ފައިގައި ވަނީ ޓެގް އަޅުވާފައެވެ.
ކޯޓު އަމުރުގެ ދަށުން ބައެއް ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން އަލުން ފަށާފައި ވާއިރު، އިމްރާން ވިދާޅުވީ ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާނުވާނެ ކަމަށެވެ. ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މި ނިޒާމު މިހާރު ބޭނުން ކުރަމުން ދިޔަ ނަމަވެސް ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި އިތުރު އިޖުރާއާތްތައް ތައާރަފުކޮށް މޮނީޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ބޭނުން ކުރެވޭނެ ގޮތް ހެދުން ކަމުގައި އިމްރާން ވިދާޅުވިއެވެ. އަދި މިއީ ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމުގައި އިމްރަން ވަނީ ފާހަގަ ކުރައްވާފައެވެ.
ކުރީ ސަރުކާރުގައިވެސް ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް އެޅުވި ނަމަވެސް ފަހުން ވަނީ އެކަން ހުއްޓާލާފައެވެ. އޭރު އެކަން ހުއްޓާލާފައި ވަނީ ފުލުހުން އަތުން ޓެގު ހުސްވުމާ ގުޅިގެންނެވެ.
'މޮނިކޮން' އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް މުޖުތަމައަށް ނުރައްކަލެއް ކުރިމަތި ކޮށްފާނެ ކަމަށް މިނިސްޓަރަށް ފެންނަ މީހުން 'މޮނިޓަރުކޮށް ކޮންޓްރޯލް ކުރުމަށް' ކޯޓުން ނެރޭ އަމުރެކެވެ.
މޮނިކޮން އަމުރެއްގެ އާންމު މުއްދަތަކީ 1 އަހަރު ދުވަސް ނަމަވެސް އެ މުއްދަތު އިތުރު 1 އަހަރަށް އިތުރު ކުރުމަށް ގާނޫނުގައި ހުރަހެއް ނެތެވެ. މޮނިކޮން އަމުރަކާ ހިލާފުވެއްޖެ ނަމަ އަދަބަކީ 18 މަސްދުވަހަށް ޖަލަށް ލުމެވެ.