އެސް ޕްރޮޑަކްޝަންސް އަދި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ސިންހަޅަ ފިލްމު "ކައުޝީ"ގެ ދިވެހި ޑަބް ޓްރެއިލާ އާންމުކޮށްފިއެވެ.

ލަންކާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު އެކްޓަރު އަލީ ސީޒަންގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދޭ ބިރުވެރި ފިލްމެކެވެ. މި ފިލްމު އަންނަ މަހުގެ 19 ވަނަ ދުވަހު އޮލިމްޕަސް ސިނަމާއަށް ގެންނައިރު މި ފިލްމު އޮލިމްޕަހުގައި ދައްކާނީ ދިވެހި ބަހުންނެވެ. ލޯބީގެ ބިރުވެރި ހާދިސާ އަކަށް ބިނާކޮށް ސީޒަން ގެނެސްދޭ މި ފިލްމަކީ ހަގީގީ ހާދިސާތަކަކުން އިންސްޕަޔާ ވެގެން އުފައްދާފައިވާ ފިލްމެކެވެ.

"ކައުޝީ"ގެ ތަރިންނަކީ އަމިލަ ކަރުނާނަޔަކް، ރަންގީ ރާޖަޕަކްސަ، ބިޔަންކާ ސަލްވަޓޯ އަދި އިސުރު ސަމްޕަތު އެވެ. ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރ އިބްރާހީމް ނިފާރު (ތިއްތި)ގެ ކޮންސެޕްޓަކަށް ހަދާފައިވާ މި ފިލްމުގެ ޓްރެއިލާ މިހާރު ދޫކޮށްލާފައިވާއިރު ޓްރެއިލާ އިން ބިރުވެރި އެތައް ކަމެއް ފެނިގެންދެއެވެ. މި ފިލްމު އަންނަ މަހު އޮލިމްޕަހުގައި އަޅުވާއިރު މި ފިލްމު ވެގެންދާނީ މިއަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ބިރުވެރި ފިލްމަށެވެ. ކައުޝީގެ މަންޒަރުތައް ޝިވާޒް (މާސްކޭ) ނަގާފައިވާއިރު މި ފިލްމުގެ މިއުޒިކް ހަދާދީފައި ވަނީ އައްޔުމަން ޝަރީފްއެވެ.

މި ފިލްމަކީ މިއަހަރު ސީޒަން އޮލިމްޕަހަށް ގެނެސްދޭ ދެވަނަ ފިލްމެވެ. އެކްޓަރު ސީޒަންގެ "ލޯބިވެވިއްޖެ" ދާދިފަހުން އޮލިމްޕަހުގައި އަޅުވާފައިވާއިރު އެ ފިލްމަށް ވަނީ އާންމުންގެ ތަރުހީބެއް ލިބިފައެވެ. އަދި މި ފިލްމު ބެލުމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު އަފްތާބު ވެސް ރާއްޖެ އައިސް ވަނީ މި ފިލްމު ބަލާފައެވެ. އޭގެ އިތުރުން އަތޮޅުތަކުގެ ގިނަ ރަށްތަކުގައި ވެސް "ލޯބިވެވިއްޖެ" ވަނީ އަޅުވާފައެވެ. މި ފިލްމުން ފެނިގެން ދިޔަ ތަރިންނަކީ މަރިޔަމް އައްޒަ، އަލީ ސީޒަން، އާމިނަތު ރިޝްފާ، އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސާ (އާނަންދު)، އަހްމަދު ނިމާލް، އަބްދުﷲ ޝާފިއު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ) އަދި އިރުފާނާ އިބްރާހީމް (އެރޫ) އެވެ.