ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިޔާ، ޔޮލީޔިޓޮންގް ރޭޕް ކުރި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ފުރުން މަނާކޮށް އަމުރެއް ނެރެފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ފުރުން މަނާ ކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމުން އިއްޔެއިން ފެށިގެން ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ވަނީ ނެރެދީފައި ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތުކުރެވެނީ 30 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ޔޮލީޔިޓޮންގް ވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން ފައިގައި ޒަހަމްތަކެއް ހުރި އިރު މޭމަތީގައި ވަކިތަކެއްވެސް ހުރިކަން ފޮޓޯތަކުން ފެނެއެވެ. ޔޮލީޔިޓޮންގް ވަނީ އެ ހާދިސާގެ ތަފްސީލް ހިއްސާކޮށް އޭގެ ފަހުން އެ މައްސަލަ އޮއްބާލުމަށް ރިސޯޓުން ކޮށްފައިވާ މަސައްކަތްވެސް ކިޔައިދީފައެވެ. އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޓްލަރު އުޝާމް ކިޔާ މީހާގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެ މައްސަލާގައި އިންސާފު ހޯދައިދިނުމަށް އެދި ޔޮލީޔިޓޮންގް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްވެސް ސިޓީއެއް ފޮނުވާފައިވާއިރު ރައީސް ނަޝީދު ވަނީ އެ މައްސަލަ އަޑުއިވި ވަޑައިގަތުމުން އަދި ޔިޓޮންގެ ސިޓީ ވިދާޅުވުމަށްފަހު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ހާދިސާއާ ގުޅިގެން ރަނގަޅު ތަހުގީގެއް ހިންގުމަށް ފުލުހުންގެ ހިދުމަތަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

މި މައްސަލާގައި ފުލުހުން ވަނީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މި މައްސަލައިގެ ފުރިހަމަ ތަހުލީލެއް ހެދުމަށްޓަކައި އަޅަންޖެހޭ ހުރިހާ ތަހުގީގީ ފިޔަވަޅެއް އަޅަމުންދާކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެފައެވެ. ފުލުހުން ވަނީ ގާނޫނު ނަގަހައްޓާ، އެންމެހާ ފަރުދުންގެ ދުޅަހެޔޮކަން ހިމާޔަތްކޮށް، އަދުލުއިންސާފު ގާއިމުކޮށްދިނުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މި ތަހުގީގު އިންސާފުވެރި ހައްލަކަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.