އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، ރ. ދުވާފަރުގެ ކައުންސިލަރުންނަށް ދައުވާ ނުކުރަން ނިންމައި، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފިއެވެ.

އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކުރި ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން، ދުވާފަރުގެ ކައުންސިލަރުން ސަސްޕެންޑުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެ ރަށުގެ ކައުންސިލަރުން ސަސްޕެންޑުކުރުމަށް ފަހު، އެ މައްސަލައިގައި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އެސިސްޓެންޓް ޑިރެކްޓަރު ވެސް ސަސްޕެންޑުކޮށްފައިވެއެވެ.

އެ މައްސަލައިގައި ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ އެލްޖީއޭ އިން މިދިޔަ ޖުލައި މަހު ނެރުނު ރިޕޯޓުގައިވާ ގޮތުން:

  • ފައިސާގެ ހިސާބު ނުބަލަހައްޓާ، އަދި ކައުންސިލަށް ދޫކުރި ބަޖެޓު ބޭނުންކުރުމުގައި މާލީ ގާނޫނަށް ނުބަލާ
  • ބައެއް ކައުންސިލަރުން ޖެހިޖެހިގެން 50 ދުވަސް ވަންދެން އިދާރާ އަށް ހާޒިރުނުވޭ

ބައެއް މީހުންގެ ސަސްޕެންޝަންގެ މުއްދަތު ހަމަވެ، މިހާރު ހުރިހާ މެންބަރުން ވެސް ވަނީ ވަޒީފާ އަށް ނުކުންނަން ފަށައިފައެވެ. އެ މައްސަލައިގައި ދުވާފަރުގެ ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ މާޗް މަހުގެ ކުރީކޮޅުގައެވެ.

މީޑިއާ އަށް ދިން މައުލޫމާތުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އެ މައްސަލައިގައި ދައުވާކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކުރި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ:

  • ކައުންސިލްގެ ރައީސް ހަސަން ހަކީމް
  • ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހްމަދު
  • ކައުންސިލަރު ޒުހުދާ އާދަމް
  • ކައުންސިލަރު އާމިނަތު ސަލާހް
  • ކައުންސިލަރު މުހައްމަދު ޝާމް
  • ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު
  • ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލީފުޅު

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، މި އެންމެން ވަނީ ތަހްގީގުގައި ކުށަށް އިއުތިރާފުވެ، ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދިފައެވެ. އެކަމުގައި އެ އިދާރާ އިން ހަތް ކަމަކަށް ރިއާޔަތްކޮށްފައި ވެއެވެ. އެ ކަންކަމަކީ:

  • ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑު
  • މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
  • ކުށްކުރުމުގައި ބައިވެރިވުން އޮތް މިންވަރު
  • ތުހުމަތުކުރެވޭ މީހުންގެ އަދާކުރަމުންދާ ޒިންމާތައް
  • އެ މީހުން ދައުލަތަށް ހިދުމަތްކޮށްދީފައިވާ މުއްދަތު
  • ދައުލަތަށް ބަދަލު ލިބިފައިވޭތޯ ނުވަތަ ނޫންތޯ
  • މައްސަލައިގައި ދައުވާކޮށް ކުރިއަށް ގެންގޮސްފިނަމަ ލިބިދާނެ އަދަބު

މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ދުވާފަރުގެ ކައުންސިލަށް ޝަރުތުކޮށްފައި ވާނެ ކަމަށާއި، އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، އެ އެއްބަސްވުން ނިމުމަކަށް ގެނެސް ދައުވާ އުފުލާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުންޏެވެ.