ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލަން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އެދުނު ނަމަވެސް އެކަން ނުކޮށް މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.

މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދެ ދުވަސް އޮތުމަށް ފަހު، މަޖިލީހުގެ ރިޔާސަތާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

އެކަމަކު މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ނިމޭއިރު މިއަދުން ފެށިގެން މިމަހުގެ ހުރިހާ ދުވަސްތަކަކީ ރަސްމީ ބަންދުދުވަސްތަކެވެ. އެހެންވެ، މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާކަން ރިޔާސަތުގައި އިންނަވައި މިއަދު ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ މިއަދުގެ ޖަލްސާއަށް ދާއިމީ ކޮމެޓީތަކުގެ މައްސަލަ އެޖެންޑާކޮށްފައި ވީނަމަވެސް މިއަދު އެމައްސަލައަށް ވޯޓަށް ނާހާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކޮމެޓީތަކުގެ މައްސަލަ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް އެދޭ ކަމަށާއި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އިތުރު ޖަލްސާއެއް ބާއްވައިގެން ނަމަވެސް ނިންމުމަށް ވެސް އަސްލަމް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން މަޖިލީހުގެ މަސައްކަތްތައް ނިމެންދެން މަޖިލީހުގެ ދައުރު ދަންމާލަން ވެސް އަސްލަމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ބައެއް މެންބަރު ތާއީދުކުރެއްވި ނަމަވެސް ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލެއްވިއިރު، އެއިން އެއްވެސް ކަމަށް ރިއާއަތް ކުރައްވާ އަދި ވޯޓަކަށް އައްސަވާފައެއްވެސް ނުވެއެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައިރު މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އާއި ނާއިބު ރައީސް އިވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ކޮމިޓީތައް އެކުލަވާލުވުމުގެ މައްސަލަ އޮތީ ނުނިމިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނެފައިވާގޮތުން މަޖިލީހުގެ ޖަލްސާތައް، އަހަރުގެ ތެރޭގައި ބަހާލެވިފައިވަނީ ތިން ދައުރުގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ ސޯޅަ ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.