އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް އީދު ބަންދަށް ފަހު ހުޅުވޭއިރު ފުލުފުލުގައި ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައެވެ.

އެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، މިމައްސަލާގައި ދައުވާލިބޭ އެއް ފަރާތްކަމަށްވާ މއ. ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީ މިމަހު 19 އަދި 20 ވަނަ ދުވަހު އޮތް އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައެވެ.

އީދު ބަންދަށް ފަހު އަލުން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ތާވަލްކޮށްފައިވާއިރު އަންނަ މަހުގެ 2، 4، 6، 9، 11، އަދި 13 ވަނަ ދުވަހަށް ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.

މި މައްސަލައިގެ އިސްތިއުނާގެ އަޑުއެހުންތައް އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި އޮންނާނެ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މީގެ ކުރިން ޔާމީން ވަނީ މި މައްސަލައަކީ އިސްތިއުނާފުގެ މައްސަލައަކަށް ވާތީ މި މައްސަލަ އަވަސްކޮށް އަދި ވަގުތު ދިގުލައިގެންދާ ގޮތަށް ކުރިއަށް ގެންގޮސް ދެއްވުން ނިހާޔަތަށް އެދޭ ކަމަށް ވިދާޅުވެފައެވެ