ރައީސް އަބްދުﷲ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަނީ ރައީސް އޮފީހުގެ ލީގަލް އަންޑާ ސެކެޓްރީ އަބްދުﷲ ނަސީރު ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ތުހުމަތު ކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޮމް ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ މައްސަލައަށް ނުފޫޒު ފޯރުވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެކަނި ނޫން ކަމަށާއި މިހާރު އިދިކޮޅުން އަލީ ޒާހިރުގެ ވާހަކަ ދައްކާތީ ރައީސް އޮފީހުގައި ހުންނަވާ އެހެން ބޭފުޅެއް ލައްވައި ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ޓޮމް ވިދާޅުވީ އެ އޮފީހުގެ ހުންނަވާ ނަސީރު ކިޔާ ބޭފުޅަކަށް އަލީ ޒާހިރު ޓާސްކް ހަވާލުކޮށްފައިވާ ކަމަށާއި އެއީ އެނގިވަޑައިނުގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި މަގުމަތިވެސް ނަސީރު ހޯއްދަވާނެ ކަމަށް ޓޮމް ވިދާޅުވިއެވެ.

"ނަސީރު ކިޔާ މީހެއް، ރައީސް އޮފީހުގެ ނަސީރު ކިޔާ މީހަކާ ޓާސްކު އަލީ ޒާހިރު ހަވާލުކޮށްފަ މީ އަޅުގަނޑުމެންނަށް ނޭނގޭ ކަންކަމެއް ނޫން. އަޅުގަނޑުމެން އޭނަ ހޯދާނަން މަގުމަތިން ވެސް. އެ ނަސީރެއް ވެސް ހޯދާނަން މަގުމަތިން."
ޓޮމް

ކޯޓުގައި ހުރި ރައީސް ޔާމީންގެ މައްސަލަތަކަށް ނުފޫޒު ފޯރުވައިގެން އެކަން ކުރިއަށް ގެންދަން ވިސްނައިގެން ނުވާނެ ކަމަށާއި މަގުމަތިންވެސް ނަސީރު ހޯއްދަވާނެ ކަމަށާއި ކުރިއަށް އޮތް ތިން މަސް ތެރޭގައި ވެރިކަން ވެސް ބަދަލު ކުރާނެ ކަމަށް ޓޮމް ވިދާޅުވިއެވެ.

މައްސަލަތަކަށް ނުފޫޒު ފޯރުވަމުން ދާއިރު ކަންކަން ހަމަ މަގަށް އެޅުވުމަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުގޭގައި އަދި ހާއްސަކޮށް ސުޕްރީމް ކޯޓުގައި ތިބި ހަތް ފަނޑިޔާރުންގެ ޒިންމާއެއް ކަމަށާއި ރިޔާސީ އިންތިހާބަށް ދެ މަހަށް ވެގެން ދާއިރު އިލެކްޝަންސް ކޮމިޝަން ވެސް އޮތީ ޑެޑްލޮކްގައި ކަމަށް ޓޮމް ވަނީ ވިދާޅުވެފައެވެ.

ޓޮމް އިތުރަށް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި 2005 ވަނަ އަހަރު ފެށި އިސްލާހީ މަސައްކަތް މިހާރު މި ގައުމުގައި އަލުން ފަށަން ޖެހިފައިވާ ކަމަށާއި އާ އޮޑިއެއްގެ ގޮތުގައި މި ރާއްޖެ ބާލަން ޖެހިފަ އޮތް ކަމަށް ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކާ މަޝްވަރާ ނުކޮށް ދެން މި ގައުމު ކުރިއަށް ގެންދަން "ލާހިކެއް" ނޫން ކަމަށް ވެސް ޓޮމް ވިދާޅުވިއެވެ.