ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން 11 އަހަރަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާގެ އަޑުއެހުންތައް އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި އޮންނާނެ ކަމަށް ހައި ކޯޓުން ބުނެފިއެވެ.
ކުރިއަށް މި އޮތީ ބޮޑު ބަންދެއް ކަމަށްވެފައި މި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާގެ އަޑުއެހުންތައް އީދު ބަންދުގެ ކުރިން އަޑުއެހުންތައް ނިންމައިދޭން ޔާމީންގެ ފަރާތުން އިއްޔެ ވަނީ އެދިފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ މައްސަލަތައް ކޯޓުން އޮންނާނީ ދުރާލާ ތާވަލުކޮށްފައި ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ، އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް އެހެން މައްސަލަތަކެކޭ އެއްގޮތަށް ކުރިއަށް ތާވަލްކުރާ ކަމަށާއި މިގޮތުން ބޮޑު އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި އެމައްސަލަ ކުރިއަށް ގެންދަން ތާވަލް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް ޔާމީން ވަނީ މި މައްސަލައަކީ އިސްތިއުނާފުގެ މައްސަލައަކަށް ވާތީ މި މައްސަލަ އަވަސްކޮށް އަދި ވަގުތު ދިގުލައިގެންދާ ގޮތަށް ކުރިއަށް ގެންގޮސް ދެއްވުން ނިހާޔަތަށް އެދޭ ކަމަށް ވިދާޅުވެފައެވެ. އަދި ކްރިމިނަލް ކޯޓުގައި ހުށަހަޅާފައިވާ ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލަ ވަރަށް އަވަސް އަވަހަށް ދިގުކޮށް ކުރިއަށްދާކަން ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
އެހެންނަމަވެސް އިސްތިއުނާފްގެ ބައެއް ކަންކަން އިސްލާހުކުރަން އެންގުމުން އަލުން އެ މައްސަލަ ހުށަހެޅުމުން ހައި ކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާކުރުމުގެ ތުހުމަތުކޮށް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް އަވަސް އަވަހަށް ދިގުލައިގެންދާ ގޮތަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާތީ ޔާމީންގެ ވަކީލުން ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ ޝަރީއަތްތައް މާ އަވަސްއަވަހަށް ބާއްވާތީ އިސްތިއުނާފު ޝަރީއަތަށް ހުރަސްއެޅޭ ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ.