ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިޔާ، ޔޮލީޔިޓޮންގް ރޭޕް ކުރި މައްސަލާގެ ފުރިހަމަ ތަހުލީލެއް ހެދުމަށްޓަކައި އަޅަންޖެހޭ ހުރިހާ ތަހުގީގީ ފިޔަވަޅެއް އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ޖޫން މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލައެއްގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށާއި އެ މައުލޫމާތު ލިބުމާއެކު އެއިދާރާއިން ވަގުތުން އެކަމަށް އިޖާބަދީ، މުހިންމު ހެކިތައް ހޯދުމުގެ ގޮތުން ފޮރެންސިކް ޓީމްތައް އެސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނަގައި، އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ އިބްތިދާއީ ބަޔާންތައް ވެސް ވަނީ ނަގާފައިވާ ކަމަށް އެބަޔާނުގައި ބުނެއެވެ.

މީގެ އިތުރުން އަނިޔާ ލިބުނު މީހާއަށް ވަގުތުން ބޭސްފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މަރުހަލާގައި މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މި މައްސަލައިގެ ފުރިހަމަ ތަހުލީލެއް ހެދުމަށްޓަކައި އަޅަންޖެހޭ ހުރިހާ ތަހުގީގީ ފިޔަވަޅެއް އަޅަމުންދާކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ރިޕޯޓުތައް ފުލުހުން ނަގަނީ ވަރަށް ސީރިއަސްކަމާ ޕްރޮފެޝަނަލިޒަމާއެކު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަޅުގަނޑުމެން މިހާރު އިންތިޒާރު ކުރަމުން މިދަނީ އަނިޔާ ލިބުނު ފަރާތާއި ސުވާލު އުފެދޭ މީހާގެ ފޮރެންސިކް ސާމްޕަލްތަކުގެ ނަތީޖާގެ އިންތިޒާރުގައި. އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުން ދަނީ އިންކުއަރީގެ ހުރިހާ ލައިންތަކެއް ވަރަށް ރަނގަޅަށް ފޮލޯކޮށް، އެއްކުރެވިފައިވާ ހެކިތަކުގެ ވަރަށް ބުރަކޮށް އެނަލިސިސް ކުރަމުން.
ފުލުހުން

ފުލުހުން ވަނީ ގާނޫނު ނަގަހައްޓާ، އެންމެހާ ފަރުދުންގެ ދުޅަހެޔޮކަން ހިމާޔަތްކޮށް، އަދުލުއިންސާފު ގާއިމުކޮށްދިނުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މި ތަހުގީގު އިންސާފުވެރި ހައްލަކަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޔޮލީޔިޓޮންގް ވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން ފައިގައި ޒަހަމްތަކެއް ހުރި އިރު މޭމަތީގައި ވަކިތަކެއްވެސް ހުރިކަން ފޮޓޯތަކުން ފެނެއެވެ. ޔޮލީޔިޓޮންގް ވަނީ އެ ހާދިސާގެ ތަފްސީލް ހިއްސާކޮށް އޭގެ ފަހުން އެ މައްސަލަ އޮއްބާލުމަށް ރިސޯޓުން ކޮށްފައިވާ މަސައްކަތްވެސް ކިޔައިދީފައެވެ.

މި މައްސަލާގައި ޔޮލީޔިޓޮންގް ވަނީ އިންސާފު ހޯދައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ސިޓީއެއް ވެސް ފޮނުވާފައެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޓްލަރު އުޝާމް ކިޔާ މީހާގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.