މާލޭގެ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާނެ ފީއެއް މާލެ ސިޓީ ކައުންސިލުން މިއަދު ކަނޑައަޅައިފިއެވެ.
ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނެގަން ފަށަން ނިންމާފައިވަނީ ޖުލައި 15، 2023 ވަނަ ދުވަހުން ފެށިގެންނެވެ. ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ އަދަދު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 11 މެންބަރުންގެ އައުލަބިއްޔަތުންނެވެ.
ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގަން ނިންމާފައިވާ އަގުތަކަކީ:
- ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން 15ރ.
- އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ ކޮންމެ މީހެއް އަތުން 50ރ.
- ޓޫރިސްޓް ވިސާގައި ޕާކަށް ވަނަން ބިދޭސީއަކަށް 75ރ.
- ކެމެރާ ހިފައިގެން އުޅޭ ބިދޭސީއެއް ނަމަ 500ރ.
ޕާކްތަކަށް ވަނަން ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ހާލަތްތައްވެސް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. މި ގޮތުން އިސް ރަށްވެހިން ނުވަތަ އެހީތެރިންގެ ގޮތުގައި އުޅޭ ބިދޭސީންނާ ކުޑަކުދިން ގޮވައިގެން އުޅޭ މެއިޑުންގެ އިތުރުން 18 އަހަރު ނުވާ ބިދޭސީ ކުޑަކުދިންގެ އަތުން ފީއެއް ނުނަގަން ވަނީ ނިންމާފައެވެ.
މީގެ ކުރިން ސަލްޓަން ޕާކް މަރާމާތުކޮށް އަލުން ހުޅުވިއިރު އެ ތަނަށް ވަންނަ ބިދޭސީންގެ އަތުންވެސް ފީއެއް ނެގި އިރު ރައީސް ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު އެކަން ވަނީ ހުއްޓާލާފައެވެ.