ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިޔާ، ޔޮލީޔިޓޮންގް ރޭޕް ކުރި މައްސަލާގައި އިންސާފު ހޯދައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ސިޓީ ފޮނުވައިފިއެވެ.

ޔޮލީޔިޓޮންގް ރައީސް ސޯލިހަށް އެޑްރެސްކޮށް މެއިލްކުރި ސިޓީގައި ބުނެފައި ވަނީ އޭނާ މި މަހުގެ ތެރޭގައި ރިޓްޒްކާލްޓަން މޯލްޑިވްސް ފަރި އައިލެންޑަށް ކުރި ޒިޔާރަތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، ރާއްޖޭގެ މުވައްސަސާތަކުގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރި ނަމަވެސް އެއްވެސް ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ.

މި މައްސަލަ ބައްލަވައި، އިންސާފު ހޯދުމަށް ޔޮލީޔިޓޮންގް ވަނީ ރައީސް ސޯލިހުގެ ސިޓީގައި އެދިފައެވެ. އަދި އަންހެނެއްގެ ގޮތުގައި ހުރެ އެހީތެރިކަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އިންސާފު ނުލިބުމަކީ އިންތިހާއަށް މާޔޫސްވާ ކަމެއްގެ ގޮތުގައި ޔޮލީޔިޓޮންގް ވަނީ ފާހަގަ ކޮށްފައެވެ. އަދި ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ރިފަރެންސް ނަންބަރު ހިއްސާކޮށް ޔޮލީޔިޓޮންގް ބުނީ އެ މައްސަލައަށް އަވަހަށް އަދި އެކަށީގެންވާ ގޮތެއްގައި އިންސާފު ލިބޭނެކަން ކަށަވަރު ކޮށްދެއްވުމަކީ ވަރަށް ބޮޑަށް ޝުކުރުވެރިވާނެ ކަމެއް ކަމަށެވެ.

ނަޝީދަށް ޔޮލީޔިޓޮންގް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލާގައި ގާނޫނީ އެހީތެރިކަން ހޯދަން މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ މުވައްސަސާތަކުން އެހީތެރިކަން ދީފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި މިންތީގެ ހަމަހަމަކަމާއި ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރާ ކަން އެނގިފައިވާ ކަމަށާއި ރައީސް ނަޝީދަކީ މި ކަމުގައި އިންސާފު ހޯއްދަވައި ދެއްވޭނެ ފަރާތެއް ކަމަށް ގަބޫލުކުރާ ކަމަށް ޔޮލީޔިޓޮންގް ވަނީ ބުނެފައެވެ.

ނަޝީދަށް ފޮނުވި ސިޓީގައި ޔޮލީޔިޓޮންގް އިތުރަށް ބުނެފައިވަނީ އެ މައްސަލަ ބަލާ، ވީހާވެސް ބޮޑަށް އެއްބާރުލުން ދެއްވައިފިނަމަ ޝުކުރުވެރިވާނެ ކަމަށެވެ.

ޔޮލީޔިޓޮންގް ރޭޕްކުރި މައްސަލާގައި ފުލުހުން ބުނީ، ކ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ފަތުރުވެރިއަކު ރޭޕްކޮށްފައިވާ މައްސަލަައެއް މި މަހުގެ 6 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާ ތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔޮލީޔިޓޮންގް ވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން ފައިގައި ޒަހަމްތަކެއް ހުރި އިރު މޭމަތީގައި ވަކިތަކެއްވެސް ހުރިކަން ފޮޓޯތަކުން ފެނެއެވެ. ޔޮލީޔިޓޮންގް ވަނީ އެ ހާދިސާގެ ތަފްސީލް ހިއްސާކޮށް އޭގެ ފަހުން އެ މައްސަލަ އޮއްބާލުމަށް ރިސޯޓުން ކޮށްފައިވާ މަސައްކަތްވެސް ކިޔައިދީފައެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޓްލަރު އުޝާމް ކިޔާ މީހާގެ ފޮޓޯތައްވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.