ހައްޖުވެރިންގެ ފަހު ފްލައިޓްގެ މީހުންނާ އެއާޕޯޓުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.

މި އަހަރު ހައްޖުވެރިން 6 ފްލައިޓަކުން ސައުދީއަށް ގޮސްފައިވާއިރު ހައްޖުވެރިންގެ ފްލައިޓުތައް ފުރާފައިވަނީ މި މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހެވެ.

މިއަދު މެންދުރުފަހު 3:10 ގައި ހައްޖުވެރިންގެ އެންމެ ފަހު ފްލައިޓު ފުރާފައިވާއިރު އެ ފްލައިޓުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 288 ހައްޖުވެރިން ވަނީ ފުރާފައެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ މިއަދު ފުރި ހައްޖުވެރިންނާ އެއާޕޯޓުން ބައްދަލުކުރައްވާ ރައީސް ސޯލިހު އަލްވަދާއު ވިދާޅުވެފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ވަނީ ގެންގޮސްފައެވެ.

ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް 1000 ކޯޓާދީފައިވާއިރު މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމު ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.