ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އެތެރެކުރި މައްސަލައިގައި ހައްޔަރު ކުރި ހުސައިން ޝިފާއުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން ހައިކޯޓުން ޝިފާއު މިހާރު ދިރިއުޅެމުންދާ އެޑްރެސް ސާފުކުރުމަށް އެހުމުން ޕީޖީއިން ބުނެފައިވަނީ ޝިފާއު މި ދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށާއި އޭނާ އެނބުރި އައިސްފައިވާކަން އެނގެން ނެތް ކަމަށެވެ.

ޝިފާއު ދިރިއުޅެމުންދާ އެޑްރެސް ނޭނގޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާތީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 83 ވަނަ މާއްދާއާ ހަވާލާދީ އިސްތިއުނާފު ރައްދުވާ ޝިފާއު މިހާރު ދިިރިއުޅޭ އެޑްރެސް ސާފު ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމުގެ މައްސަލަ އޮތްކަން އަންގައި ޕީޖީއަށް އަންގައި، އެ މާއްދާއާ ހަވާލާދީ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން އެ މައްސަލަ ވަނީ އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލާފައެވެ.

ޝިފާއު ރާއްޖެއިން ބޭރަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ގޮސްފައިވާއިރު އޭނާ ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ޝިފާއު ބަންދުން ދޫކޮށްލައިފާ ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާއާއި، މަކަރާ ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ 7 ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝިފާއު މި ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އިތުރަށް ޕީޖީ އިން ބުނެފައި ވަނީ މި މައްސަލައިގައި 123،844.54 ޑޮލަރު ހިމެނޭ ކަމަށެވެ.