ދަ ޑިމޮކްރެޓްސް އުފެއްދިޔަ ނުދީ ހިފަހައްޓަމުންދަނީ ކޮންމެ ގޮތަކުންވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް ޖަހާ މަރު ފައްޔެއްގެ ގޮތުގައި ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް މި މަހުގެ 1 ވަނަ ދުވަހު 3560 ފޯމް ހުށަހަޅާއިފައިވާއިރު އިއްޔެ ޕާޓީ އުފެއްދުމަށް ބާއްވަން ގާނޫނުގައި ބުނެފައިވާ ޖަލްސާ ބޭއްވުމަށްދޭން ޖެހޭ ހުއްދައަށް އެދި އެ ޕާޓީއަށް ނިސްބަތްވާ މެންބަރުން އީސީއަށް ދިޔަ ނަމަވެސް އެ ހުއްދަ ދީފައެއް ނުވެއެވެ.

އީސީގެ ރައީސް ފުވާދު ތައުފީގު ރޭ ވިދާޅުވީ ޑިމޮކްރެސް އަށް ހުއްދަ ދިނުމާ ގުޅޭގޮތުން ރޭގެ ޖަލްސާގައި ބައިވެރިވި ހަތަރު މެންބަރުންގެ ތެރެއިން ވޯޓު ދެއްވާފައި ވަނީ ދެ މެންބަރުން ކަމަށާއި އެއްވަރު ވުމުން ފާސްނުވާނެ ކަމަށް [އީސީ ގާނޫނުގައި] އޮންނަ ކަމަށެވެ. އަދި ފުވާދު މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ދަށުން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ ގާނޫނުން ދީފައިވާ ފުރުސަތުގެ ދަށުން އެ ބޭފުޅުން 3 މަސް ދުވަހުގެ ކުރިން ހުއްދަ ދޭން ބޭނުން ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސްއިން ބުނީ ހުއްދަ ނުދީ ތިން މަސް ދުވަހަށް ދިގުދަންމާން އިލެކްޝަންސް ކޮމިޝަންގެ ދެމެންބަރުން ސަރުކާރާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތާމެދު ކަންބޮޑުވުން ފާޅުކޮށް ކުށްވެރިކުރާ ކަމަށެވެ.

ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއި މަންމަގެ ވަނަވަރު ހިމެނޭހެން މީގެ ކުރިން ސިޔާސީ ޕާޓީއެއް އުފެއްދުމުގައި ނެތް ފަދަ އާ ހަރުކަށި ޝަރުތުތަކެއް ފުރިހަމަކުރުމަށްފަހު ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައި ޝަރުތުކުރާ 3000 މެންބަރުން ހަމަކޮށް އެ ޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރި މަސައްކަތް މި މަހުގެ 18 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސްއިން ބުނީ އެ ފޯމުތަކުގެ ސައްހަކަން "ޝައްކެއް ވަސްވާހެއް ނެތް މިންވަރަށް" ކަށަވަރުކުރެވިފައިވާ ކަމަށް ފުވާދު ވިދާޅުވެފައިވާ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ އަމީން އާންމު ހަސަން ޒަކަރިއްޔާވެސް ތަކުރާރުކޮށް ފާހަގަކުރެއްވި ކަމަށެވެ. އެހެންނަމަވެސް ކަނޑައެޅި ބަޔާންކޮށްފައިވާ ހަމަތަކުގެ ބޭރުން އިތުރު ޗެކްތަކާއި ވެރިފިކޭޝަން ޕްރޮސެސްތައް އުފަންކޮށްގެން ދަ ޑިމޮކްރެޓްސްގެ މެންބާޝިޕް ފޯމުތައް ފަށްފަށްކޮށް ތަކުރާރުކޮށް ބަލާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތާއި މުހައްމަދު އާސިފް ކުރައްވާ ވަކާލާތުގެ ފަހަތުގައިވަނީ ރައީސް ސޯލިހު ސީދާ ނުފޫޒާއި ނަހަމަ ބާރު ކަމަށްވެސް ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސްއިން އިތުރަށް ބުނީ ސަރުކާރު ރުހުނަސް އަދި ނުރުހުނަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ވާދަކޮށް، ރައީސް ސޯލިހުގެ އަނިޔާވެރި ވައްކަމާއި ފަސާދައިގެ ވެރިކަން މާތް އަމުރާއި އިރާދަފުޅުން ނިމުމަކަށް ގެންނާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.