ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން އެއްވެސް އަނިޔާ އެއް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައިވާ ކަމަށް ގަބޫލުކުރައްވާ ނަމަ، އެ މައްސަލައެއް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާ އިން ފެށިގެން ރައީސާ ބައްދަލުނުވާ ކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަން ހިންގުމާ މިހާރު ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، ރައީސް އޮފީހުގައި އިއްޔެ ހުންނަވައި، އަތު ލިއުމުން ސިޓީ އެއް ލިޔުއްވައި، ރައީސް އޮފީހާ ހަވާލުކުރައްވައިފައެވެ.

އެ ސިޓީގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސާ ބައްދަލުކުރުމަށް އިދިކޮޅުން ރައީސް އޮފީހަށް ދަނީ އާންމުންގެ މެދުުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ބޭނުމުގައި ކަމަށެވެ. އޭގެ ތެރެއިން އަބްދުއްރަހީމްގެ ސިޓީގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ

  • ޔާމީން ޖަލުގައި ގިނަ ދުވަސް ވަންދެން އޮތުން
  • ރާއްޖޭގެ މަސްކަނޑުތަކާއި ބިންތަކާއި ދިވެހިންގެ މިނިވަންކަން ވިއްކާލުން
  • ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސް، ރައީސް ފިއްލަވައިގެން އުޅުއްވުން

ނަމަވެސް، އަބްދުއްރަހީމް ފޮނުއްވި ސިޓީގެ ޖަވާބުގައި އޭނާ އަށް އަލީ ޒާހިރު ފޮނުއްވި ސިޓީގައި ވިދާޅުވީ، އަބްދުއްރަހީމްގެ ސިޓީގައި ބަޔާންކުރައްވާފައިވާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ކަމަކަށް ރައީސް ދެކެވަޑައެއް ނުގަންނަވާ ކަމަށެވެ. ޔާމީން ތަންފީޒުކުރައްވަމުން ގެންދަވަނީ ޝަރުއީ ހުކުމެއް ކަމަށާއި، އެ ހުކުމަކާ ރައީސަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީނަށް އަނިޔާ ދިނުން ފަދަ ކަމެއް ރައީސް އިސްވެ ހުންނަވައި ނުކުރައްވާނެއެވެ. އަދި ޔާމީން ޝަރުއީ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގެން ރައީސް އެއްވެސް ބަޔަކާ ބައްދަލުކުރެއްވުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އެދިވަޑައިގަތީ އެމަނިކުފާނުގެ ފަރާތްޕުޅުން އެއްވެސް އަނިޔާ އެއް ލިބިވަޑައިގެންފައިވާ ކަމަށް ވާ ނަމަ، ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމަށް ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ ޝަރީއަތާ ބެހޭ ގޮތުން އަބްދުއްރަހީމަށް އަލީ ޒާހިރު ޖަވާބު ދެއްވި ނަމަވެސް، އަބްދުއްރަހީމްގެ ސިޓީގައި ބަޔާންކޮށްފައިވާ ކަނޑުފަޅުތަކާއި ބިންތައް ވިއްކާލި ކަމަށް ބުނާ ނުކުތާއަށާއި، މަޖިލިސް ހުއްޓުމަކަށް ރައީސް ގެންނެވި ކަމަށް ތުހުމަތުކުރެއްވި ނުކުތާ އަށް އަލީ ޒާހިރު ތަފްސީލު ޖަވާބެއް ނުދެއްވިއެވެ

ރައީސް އޮފީހުގެ ބޭރުގައި ހުންނަވައި ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅަށް އެކަށީގެންވާ ޖަވާބެއް ލިބެންދެން، ނުވަތަ ރައީސާ ބައްދަލުވަންދެން ކޮންމެ ދުވަހަކު ވެސް ރައީސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޒިންމާ ނެންގެވޭ ރައީސެއް ކަމަށް ވަންޏާ ރައީސް އިދިކޮޅާ ބައްދަލުކުރައްވައި އެ ބޭފުޅުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެއެވެ.

އިދިކޮޅުން މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން މިހާރު ފަށަން ތައްޔާރު ވަނީ ވެރިކަމާ ހަވާލުވުމުގެ މަސައްކަތް ކަމަށާއި، މި ސަރުކާރު ޖަވާބުދާރީކުރުވުމުގެ އިތުރު ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށެވެ.

ވެރިކަމާ ހަވާލުވުމަށް ފަހު އިދިކޮޅުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ "ވަގުންގެ" ޕާސްޕޯޓް ހިފެހެއްޓުން ކަމަށް ވިދާޅުވެ، މި ސަރުކާރުގައި ތިބެ ވައްކަން ކުރި މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ދޭނެ ކަމަށާއި ފިލުމުގެ ފުރުސަތު ނުދޭނެ ކަމަށް އަބްދުއްރަހީމް އެ ރޭ ވިދާޅުވެފައިވެއެވެ. އަދި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވަނީ އިއްޔެ އެ ވާހަކަތައް ތަކުރާރުކުރައްވައިފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރަށް ޖަލަށް ލުމަށް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކުރި ހުކުމަކީ "ހަރާމް" ހުކުމެއް ކަމަށް ބުނެ، އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް އަޑު އުފުލަމުންނެވެ.