ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ހަފްތާއަކު 4 ދުވަހު އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ޕީޖީ އޮފީހުގެ މުވައްޒަފުން ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުން، ނެރެވޭ ނަތީޖާ ތަޖުރިބާކުރުމަށް ގެނައި މި ބަދަލަށް އަމަލުކުރުމަށް ނިންމާފައިވަނީ ޖޫން 25، 2023 އިން އޮގަސްޓް04، 2023 އާއި ހަމައަށެވެ. ޕީޖީ އޮފީހުގެ މަސައްކަތްތައް ހަފްތާއަކު ހަތަރު ދުވަހަށް ބަހާލާއިގެން ކުރިއަށް ގެންދިއުމަށް ރާވާަފައިވާ ގޮތަކީ:

  • ޕީޖީ އޮފީހުން ދޭ ހިދުމަތްތައް އާންމު އުސޫލުން ހަފްތާގެ 5 ދުވަހު (ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު) ދެމުން ގެންދިއުން.
  • ހަފްތާގެ 5 ދުވަހުގެ ތެރެއިން 1 ދުވަސް މުވައްޒަފު އޮފީހަށް ނުކުމެ މަސައްކަތްކުރަން ނުޖެހޭގޮތަށް ހަމަޖެއްސުން
  • އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަހު އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭ ގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލުން.
  • ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައިވެސް ޕްރޮސިކިއުޓަރުން ކޯޓަށް ހާޒިރުވުން ފަދަ، އޮފީހަށް ނުކުމެ މަސައްކަތްކުރަން ޖެހޭ ފަދަ މަސައްކަތެއް އޮތްނަމަ އޮފީހަށް ނުކުމެ މަސައްކަތްކުރުން. އެހެންނަމަވެސް އެދުވަހަކީ އޮފީހަށް ނުކުމެ ކޮންމެހެން ކުރަންޖެހޭ މަސައްކަތްކޮށް ނިންމުމުން ފުދޭނެއެވެ.
  • މި މުއްދަތުގައި މުވައްޒަފަކު ސަލާމް ނުވަތަ އާއިލީ ޒިންމާ ޗުއްޓީ އެއް ނަގައިފިނަމަ ޖެހިގެން އަންނަ ހަފްތާގެ 5 ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރުން.

ޕީޖީ އޮފީހުން ބުނީ މި މުއްދަތުގެ ތެރޭގައި މުވައްޒަފުންގެ ޕާފޯމަންސް ދުވަހުން ދުވަހަށް ބަލަމުން ދާނެކަމަށެވެ. އަދި މި ތަޖުރިބާއަކީ ނާކާމިޔާބު ތަޖުރިބާއެއްނަމަ، މި ތަޖުރިބާ ހުއްޓާލާ އާންމު އުސޫލުން 5 ދުވަހު މަސައްކަތްކުރާ ގޮތަށް އަލުން އިއާދަ ކުރެވޭނެކަމަށެވެ.