ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުން މިހާރު ވެސް މަނާވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
މިއަދު ޑީޖޭއޭ އިން ނެރުނު ބަޔާނުގައި ބުނީ 'ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުން ހުއްދަވެއްޖެކަމަށް' ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނީ ހަގީގަތް އޮޅޭ ގޮތަށްކަމަށެވެ.
މި ބަޔާނުގައި ބުނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލުމާއި ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމަކީ އެއްވެސް އިރެއްގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މަނާވެގެންވާ ކަމެއް ނޫން ކަމަށެވެ. ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އައު ކޯޑް އޮފް ކޮންޑެކްޓްގެ 3 ވަނަ މާއްދާގައި(ށ) ގައިވާ ގޮތުން، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އިމްޕާޝަލިޓީ ބެހޭ ގޮތުން ސުވާލު އުފެދިދާނެ އެއްވެސްކަމެއް ކުރުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ސިޔާސީ މަސައްކަތްތަކާއި އެ ނޫން އިޖްތިމާއީ ހަރަކާތްތައްވެސް ހިމެނެއެވެ.
މީގެ އިތުރުން މި ބަޔާނުގައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކިބައިން އުއްމީދުކުރާ މަތީ މިންގަނޑު މަސައްކަތުގެ މާހައުލުގައްޔާއި (ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް އުޅުމާއި ގުޅުންތައް ބަހައްޓަންޖެހޭ އެންމެ މަތީ މިންގަނޑު) ރަނގަޅަށް ބަޔާންވެފައި އޮތުމަކީ ފަނޑިޔާރުގޭގެ މިނިވަންކަމާއި ވަކިއަތަކަށް ނުޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ކޯޑް އޮފް ކޮންޑަކްޓްގައި އެކިއެކި ތަންތަނުގައި ބަޔާންކޮށްފައިވާ ސުލޫކީ ކަންކަން އާ ކޯޑެއްގެ ދަށަށް ގެނެސް، އައު އުސޫލުތަކާއިއެކު ޝަރުއީދާއިރާގެ މުވައްޒަފުން ޕްރޮޝަނަލް ބަޔަކަށް ހެދޭނެ ކަމަށެވެ.
ސިޔާސީ ކަންކަމަކީ މިހާރުވެސް އަމަލުކުރަމުންދާ ކޯޑް އޮފް ކޮންޑަކްޓްގައި ވާ ގޮތުން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި މަނާކޮށްފައިވާ ކަމެއްކަން ފާހަގަކޮށް މި ބަޔާނުގައި ވަނީ މިހާރު އަލަށް ބަދަލު ގެނައި ކޯޑް އޮފް ކޮންޑަކްޓްގައިވާ ގޮތުން މަނާ ކަންކަމުގެ ދިގު ލިސްޓެއް (ޖަލްސާތަކުގައި ތަގްރީރުކުރުމާއި، މުޒާހަރާތަކުގައި ބައިވެރިވުމާއި، މިގަދައެހެން ކަންކަން ހިމެނޭހެން) ހިމެނުމުގެ ބަދަލުގައި މިހާރު ވާނީ ސިޔާސީ ހުރިހާ ހަރަކާތެއް ހިމެނޭނެހެން މަނާ ކުރެވި، އެކަންކަން ކޯޑް އޮފް ކޮންޑަކްޓްގައި ހިމެނިފަކަމަށެވެ.