ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިސްކިތު މުވައްޒަފުންނަށް ބަންދު ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަށް އިތުރުގަޑީގެ ފައިސާ ދީފައިވާ ކަމަށް އެ ކައުންސިލުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު އޮޑިޓް އޮފީހުން އާންމުކުރި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައިވަނީ މިސްކިތު މުވައްޒަފުންނަށް ބަންދުު ދުވަހުގެ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ބަންދުު ދުވަހުގެ ރަސްމީ މަސައްކަތު ގަޑީގައި ހޭދަކޮށްފައިވާ ވަގުތަށް (5ގަޑިއިރަށް) އިތުރުގަޑީގެ ފައިސާ ދީފައިވާ ކަމަށެވެ.

ބަންދު ދުވަހުގެ އިތުރު ގަޑީގެ ފައިސާ ދޭން ފެށުނު ގޮތް ހާމަކުރަމުން ކައުންސިލުން ބުނީ މި ގޮތަށް ދިމާވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި އިމާމުންނާއި މުދިމުންނާއި މިސްކިތްތަކުގެ މަސައްކަތު މީހުންނަށް ދެމުން އަންނަ ބަންދު ދުވަސްތަކުގެ އިތުރުގަޑީގެ ފައިސާ ޖޫން 1، 2010 އަކުން ފެށިގެން ނުލިބޭނެކަން އަންގާފައިވަނި އޮކްޓޯބަރު 8، 2015 ގައި އެ މިނިސްޓްރީން ހުރިހާ އަތޮޅުު ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ކަމަށެވެ.

އެ ސިޓީގައިވަނީ އިމާމުންނާ މުދިންނާ މިސްކިތްތަކުގެ މަސައްކަތު މީހުންގެ ބަންދު ދުވަހުގެ އިތުރުގަޑީގެ ގޮތުގައި ޖޫން 1، 2010 ވަނަ ދުވަހުން ފެށިގެން އެޕްރީލް 30، 2011 އަށް ދޭންޖެހޭ ފައިސާ ދިނުމަށް އެ އިދާރާއަށް ފޮނުވަން އަންގާފައެވެ. މިގޮތަށް ދިމާވުމުން ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 2021 ވަނަ ދުވަހުގެ ނިޔަލަށް ހަތަރު ލައްކަ އަށްޑިހަ ހާސް ދުއި ސައްތަ ތިރީސް ރުފިޔާ (480،231 ރުފިޔާ) އިތުރަށް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ބަންދުު ދުވަހުގެ ރަސްމީ މަސައްކަތު ގަޑީގައި ހޭދަކޮށްފައިވާ ވަގުތަށް (5ގަޑިއިރަށް) ދެމުން އަންނަ އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ސިވިލް ސާވިސް ކޮމިޝަނުން މަޝްވަރާކުރުމަށް އެ ފަރާތަށް ލިޔުމަކުން އަންގާ ގޮތުގެ މަތިން އަމަލުކުރުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓްގައިވަނީ 2021 ވަނަ އަހަރު ކައުންސިލަށް ސަޕްލައިކޮށްފައިވާ ވޭން އަދިވެސް ރަޖިސްޓްރީ ވެފައި ނުވާކަމަށެވެ. އެ ވޭން ރަޖިސްޓްރީ ކޮށް ދިނުމަކީ ވޭން ސްޕަލައިކޮށް ދިން ފަރާތުގެ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް މެއި 29، 2023 ވަނަ ދުވަހާ ހަމައަށްވެސް އެ ވޭން ރަޖިސްޓްރީވެފައި ނުވާކަން ފާހަގަކޮށް ކައުންސިލް އޮޑިޓް ރިޕޯޓްގައިވަނީ އެ ވޭން ރަޖިސްޓްރީ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި ލިޔުންތަކުގައި މައްސަލަ އެއް ދިމާވެފައިވާ ކަމަށެވެ. މި ގޮތުން އެ އުޅަނދަކީ އުމުރު ހަމަވެފައިވާ އުޅަނދެއްކަން ކައުންސިލް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި މި އުޅަދަކީ ކައުންސިލަށް ބޭނުންވާ ސްޕެސިފިކޭޝަންއަށް ފެތޭ އުޅަނދެއް ނޫންކަންވެސް އޮޑިޓް ރިޕޯޓްގައިވަނި ބުނެފައެވެ.

މި ވޭން ގަތުމަށްފަހު ދެ އަހަރު ދުވަސް ވީ އިރުވެސް މި ވޭނުގެ ބޭނުން ކައުންސިލަށް ކުރެވިފައި ނުވުމާއެކު ކައުންސިލުން ކުރަންޖެހޭ ދަތުރުތަކަށް އިތުރު ހަރަދު ހިނގަމުންދާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށްޓަކައި އޮޑިޓް އިން ވަނީ މިކަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމަށް ވަނީ ލަފާދީފައެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލަށް ގެއްލުން ވެފައިވާނަމަ މާލިއްޔަތު ގަވައިދާ އެއްގޮތަށް ސަޕްލަޔަރުގެ ކިބައިން ބަދަލު ހޯދުމަށް އޮޑިޓް ރިޕޯޓްގައިވަނީ ލަފާދީފައެވެ.