މިދިޔަ މަހު ވަރި އާ ގުޅޭ ތަފާތު 172 މައްސަލައެއް ނިންމައި، 132 ކައިވެންޏެއްގެ ވަރި ކޮށްދީފައިވާ ކަމަށް، ފެމިލީ ކޯޓުގެ މޭ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ މަހެއްގައި ވެސް ފެމިލީ ކޯޓުން އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން މިދިޔަ މޭ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ކޯޓުން ވަނީ 185 ކައިވެންޏެއް ކޮށްދީ، 132 ކައިވެންޏެއްގެ ގޮށް މޮހާލަދީފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ވަރީގެ އެކި 172 މައްސަލައެއް ނިމުނު އިރު، ވަރި އާ ގުޅޭ 129 މައްސަލައެއް ނުނިމި އެބަ އޮތެވެ. އޭގެ އިތުރުން، ވަރި އާ ގުޅޭ 168 މައްސަލައެއް މިދިޔަ މަހު ކޯޓަށް ވަނީ ހުށަހެޅިފައެވެ.

ވަރީގެ އެކި މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު:

  • ވަރި ސާބިތުކުރުމަށް 56 މައްސަލައެއް މިދިޔަ މަހު ހުށަހެޅިފައިވޭ، 75 މައްސަލައެއް ނިމުނު އިރު، 20 މައްސަލަަ އަދިވެސް ނުނިމޭ، އޭޕްރިލް މަހުން 39 މައްސަލައެއް ބާކީވެފައިވޭ
  • ވަރި ކުރުމަށް 36 މައްސަލައެއް މިދިޔަ މަހު ހުށަހެޅިފައިވޭ، 27 މައްސަލައެއް ނިމުނު އިރު، 24 މައްސަލަ އަދިވެސް ނުނިމޭ، އޭޕްރިލް މަހުން 15 މައްސަލައެއް ބާކީވެފައިވޭ
  • ވަރިވުމަށް މިދިޔަ މަހު 75 މައްސަލައެއް ހުށަހެޅިފައިވޭ، 69 މައްސަލައެއް ބަލައި ނިމުނު އިރު، 85 މައްސަލަ އަދިވެސް ނުނިމޭ، އޭޕްރިލް މަހުން 79 މައްސަލައެއް ބާކީވެފައިވޭ

ވަރީގެ އެކި މައްސަލަތައް ހިމެނޭހެން، ފެމިލީ ކޯޓުން ވަނީ މިދިޔަ މަހު 237 މައްސަލައެއް ބަލައި ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުޑަކުދިންނާ ގުޅުންހުރި 17 މައްސަލައެއް
  • އާއިލީ އެހެނިހެން 22 މައްސަލައެއް
  • ގެވެށި އަނިޔާ އާ ގުޅޭ 12 މައްސަލައެއް
  • ހަރަދުގެ 14 މައްސަލައެއް

ދުނިޔޭގެ އެކި ގައުމުތަކުގެ ނިސްބަތުން ބަލާއިރު، ވަރި އެންމެ ގިނައީ ރާއްޖޭގައެވެ. ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ "ގިނިސް ވޯލްޑް ރެކޯޑްސް" އިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ކޮންމެ 1،000 މީހަކުން 11 މީހަކު ވަރިވެއެވެ.