މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާ އެންމެ ގާތުގައި އެ މަނިކުފާނަށް ތާއިދު އޮތްކަން ދެއްކުމަށް ތިބި މީހުންނަނީ 2013 ވަނަ އަހަރު އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް ހުވަފެން ދައްކަން ތިބި މީހުންކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އަށް ނިސްބަތްވެ ވަޑައިގަންނަވާ ވައްޑެ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ޑަބްލިއުޑީސީ ބައި އިލެކްޝަންގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ އާ ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އިއްޔެ 8 ރަށެށްގައި ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން 5 ގޮނޑި އިދިކޮޅު ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފައެވެ. މިކަމަށް އިޝާރަތް ކުރައްވާ ވައްޑެ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މީގެ ކުރިން އެމްޑީޕީއަށް ރާއްޖޭގެ ބޮޑެތި އާބާދީތަކުން ތާއިދު ނެތި ބަލިވުމުން، ކުދި ރަށްތަކުގައި ތާއިދު އޮންނަކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ވަކި މެންބަރުންގެ ނަން ހާމަނުކޮށް ވައްޑެ ވިދާޅުވީ މިހާރު ރައީސް ސޯލިހުގެ އެންމެ އަރިހުގައި ތާއީދު ކިޔައިދެއްވަން ތިއްބެވީ 2013 ވަނަ އަހަރު ޑރ. ވަހީދަށް 65 ޕަސެންޓް ތާއީދު އޮތްކަމަށް ބުނެ ހުވަފެން ދެއްކެވި ބޭފުޅުން ކަމަށެވެ. އެހެނަމަވެސް 5 ޕަސެންޓް ވޯޓުވެސް [ވަހީދަށް] ނުނެންގެވުނު ހިސާބުން ދެން ޑރ. ވަހީދަކީ ދަންނަ މީހެއް ކަމަށްވެސް ނުހެދި ކަމަށް ވައްޑެ ވިދާޅުވިއެވެ. އިތުރަށް ވައްޑެ ވިދާޅުވީ މި އިންތިހާބުގައި ބޮޑު ތަނުން ރައީސް ސޯލިހް ބަލިވާނެ ކަަމަށެވެ.