މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސީ ކަންކަމަށް ސަރުކާރު ސުކޫލުތައް ދިނުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެކަން ހާމަވާކަން ކ. ވިލިނގިލި ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ އެމްޑީޕީ މެނިފެސްޓޯ ވޯކްޝޮޕް "ވިމެންސް ވޮއިސް" ދަރުމަވަންތަ ސްކޫލުގައި ބާއްވަން ނިންމާފައި ވާކަން އާންމު ކުރުމާ ގުޅިގެންނެވެ.

އުޝާމް ވިދާޅުވީ ސީޔާސީ ކަންކަމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ސްކޫލުތައް ދޭން އެދުމުން ސިޔާސީ ބޭނުމަށް ސުކޫލުތައް ދިނުމަކީ މަނާކޮށްފައިވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވާ ކަމަށެވެ. އަދި އެމްޑީޕީއަށް އެކަނި ސްކޫލްތައް ދިނުމަކީ ކޮންކަހަލަ ހަމައަކާއި އިންސާފެއްތޯ އައްސަވާ އުޝާމް ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ ކުރިން ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްކޫލުތައް ނުދޭ ކަމަށް ބުނުމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ، ސެނެޓް، ޖެނެރަލް މީޓީންތައް އަދި ކޮންގްރެސް ބާއްވަން ސްކޫލުތައް ސިޔާސީ ޕާޓީތަކަށް ވެސް ދޫކުރާ ކަމަށެވެ. އެހެންނަމަވެސް ކެމްޕެއިން ހަރަކާތްތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތައް ބާއްވަން އެމްޑީޕީއަކަށް ވެސް އަދި އެހެން ސިޔާސީ ޕާޓިއަކަށް ވެސް ސްކޫލުތައް ދޫ ނުކުރާކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ހުރިހާ ސަރުކާރު ސްކޫލެއްގައި ވެސް އެ ފަދަ ހަރަކާތްތަކަށް ބޭނުން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ހޯދަން ޖެހެއެވެ.