އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ އަދި ބިޔަރު ނައްތާލައިފިއެވެ.

ފުލުހުން ބުނީ އިއްޔެ ނައްތައިލާފައި ވަނީ 527 ފުޅި ބަނގުރަލާއި 297 ދަޅު ބިޔަރު ކަމަށެވެ.

އެ ތަކެއްޗަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާ އަދި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގޭ އޮޕަރޭޝަން ތަކުގައި ފުލުހުން އަންނަނީ ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު އަތުލައިގަންނަމުންނެވެ. އެގޮތުން ބަލާއިރު މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ވެސް 103 ފުޅި ބަނގުރަލާއި 138 ދަޅު ބިޔަރާއެކު ގދ. ތިނަދޫއިން މީހަކު ހައްޔަރު ކޮށްފައިވެއެވެ.