އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ ހެޑް، ބްރިޖް ބޫޝާން ޝަރަން ސިންގް އާ ދެކޮޅަށް އެގައުމުގައި ވަރުގަދަ މުޒާހަރާތަކާއި އިހުތިޖާޖުތައް ހިންގާތާ 2 މަަސް ފަހުން، ފުލުހުން އޭނާގެ މައްޗަށް ދައުވާ އުފުލާފައިފިއެވެ.
ރެސްލިން ތަޅާ އިންޑިއާގެ އަންހެން އެތްލީޓުންގެ ވެރިއަކަށް ހުރެ އޭނާ އެތްލީޓުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ހޫނުވެ، އެތްލީޓުން އޭނާ ަހއްޔަރު ކުރަން ގޮވާތާ ކިތަންމެ ދުވަހެކެވެ.
ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަންވެސް ކުރާ ބޫޝާން ހައްޔަރު ނުކުރެވި ނުވަތަ ކުރަން ނުކެރި ގިނަ ދުވަސްތަކެއް ވެގެން ގޮސްފައި ވާ އިރު އޭނާ ވަނީ، އެތްލީޓުން ކުރާ ތުހުމަތުތައް ދޮގުކޮށް އޭނާގެ ބަސްމަގުގައި ކުރިއަށް ގޮސްފައެވެ.
ރެސްލިސްގެ ދުނިޔޭގައި އޮލިމްޕިކް މެޑަލްވެސް ހޯދާފައި ވާ ތަރިން ހިމެނޭހެން ގިނަ ބަޔަކު މަގުތަކަށް ނިކުމެ ބޮޑެތި މުޒާހަރާތައް ބޭއްވުމުންވެސް އޭނާއާ ދެކޮޅަށް ފިޔަވަޅެއްވެސް އަޅާފައި ނުވާ އިރު އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައެއް ވެސް ނުވެއެވެ. އެންމެ ފަހުން އިންޑިއާގައި އަލަށް ހުޅުވީ މަޖިލިސް އިދާރާ ހުުޅުވި ދުވަހު އެތަނަށް ދާން އެތްލީޓުން މަސައްކަތް ކޮށް ފުލުހުންނާ، އާންމުންނާ ދެމެދު ބޮޑު ކުރިމަތިލުމެއްވެސް ހިނގާފައި ވަނިކޮށް، ބޫޝާން އާ ދެކޮޅަށް ފުލުހުން ދައުވާ ކުރީ، މެޑަލް ލިބުނު އެތްލީޓުން އެ މެޑަލްތައް ގަންގާ ކޯރަށް އެއްލައިލާނެކަމަށް ބުނެ އިންޒާރުވެސް ދީފައި ވަނިކޮށެވެ.
ފުލުހުން ބޫޝާން އަށް ކުރާ ދައުވާތަކުގެ ތެރޭގައި ފާރަލުމާއި، ފުރައްސާރަ ކުރުމާއި ހުރަސްއެޅުމުގެ އިތުރުން ވަކި ޖިންސަކަށް ވީތީ ފުރައްސާރަ ކުރުން ހިމެނެއެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ކުޑަކުއްޖަކަށް [ބޮޑު މީހެއްގެ އުމުރަށް ނާޅާ ކުއްޖެއް] އަށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައެވެ.
ފުލުހުން ބުނީ އެހާދިސާއާ ގުޅުވާ ސާފު ހެއްކެއް ނެތް ކަމަށާއި އެހެން ކަމުން އެކަމުގައި ދައުވާ ކުރަން ނުވިސްނާ ކަމަށެވެ. އެކަމުގައި ދައުވާ ކުރާ ނަމަ، ބޫޝާން ހައްޔަރު ކުރަން ފުލުހުންނަށް މަޖުބޫރުވާނެއެވެ.
މި މައްސަލަ ދުނިޔޭގެ ސަމާލުކަމަށް އައިސްފައި ވާ އިރު، އެތްލީޓުންނަށް ހައްޔަރު ކުރުމުން އިންޑިއާ އަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތައް ވެސް ބޮޑުވިއެވެ. އެތްލީޓުން ތިބީ، ބޫޝާން އާ މެދު ފިޔަވަޅު ނާޅަނީސް ހުއްޓާލާ ގޮތަށް ކަމަށް ނުވުމުން، އެންމެ ފަހުން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާހު އާއި ސްޕޯޓްސް މިނިސްޓަރު އަނޫރާގް ޓާކޫރު އެތްލީޓުންނާ ބައްދަލުކުރެއްވިއެވެ.
އެއާއެކު، ބޫޝާން އާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެބޭފުޅުން އެތްލީޓުންނަށް ޔަގީން ކަން ދެއްވި ކަމަށް ހަބަރުތައް ބުނެއެވެ.
އަންހެން 7 އެތްލީޓުންނާއި ކުޑަކުއްޖަކު ހުށަހަޅާފައިވާ މައްސަލައިގައި ބުނަނީ ޓްރެއިނިން ކޭމްޕެ ތަކުގައި ބޫޝަން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވާ ކަަމަށާއި އަދި އެ އެންމެންގެ ނުރުހުމުގައި ގައިގައި އަތްލައި ހަދާފައި ވާ ކަމަަށެވެ.
ބޫޝާން އާ ދެކޮޅަށް ފުލުހުން އުފުލި ދައުވާގައި 1000 ސޮފްހާ ހިމެނެއެވެ. އޭގާއި ތަހުގީގުތަކުގެ ތަފްސީލުތައް ވަރަށް ފުރިހަމައަށް ހުރިކަމަށް ހަބަރުތައް ބުނެއެވެ.