ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތަށް، ރާއްޖެއިން ބޭރުގައި މިހާރު ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޑައިގަންނަވަން އުޅުއްވާ ކަމަށް "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވަން އުޅޭކަން އެނގިފައި ވަނީ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާ ގުޅިގެން އަނިޔާ ލިބުނު މީހުންނާއި ހެކިން ހެކިބަސް ދޭން އިންކާރު ކުރުމުން އެ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައި ވަނިކޮށެވެ.

އެ ދައުވާތައް އަނބުރާ ނަގާކަން މީގެ 2 ދުވަސް ކުރިން އަލީ އަށް އެނގިފައި ވާކަންވެސް "ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ކުރި ފަހުން ބޭސްފަރުވާ އަށް ކަމަށް ބުނެ، މާޗު 9، 2021 ގައި އިނގިރޭސިވިލާތަށް އަލީ ވަހީދު ވަނީ ވަޑައިގެންފައެވެ. އެއަށްފަހު ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއަށް ވަޑައިގެންފައި ނުވާތީ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭރު ވިދާޅުވިއެވެ. އަދި އެއަށްފަހު އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އަލީ ވަހީދު އެކަމަށް ވަނީ އިންކާރު ކުރައްވާފައެވެ.

ޕީޖީ އިން މިއަދު ބުނީ ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާލި ފަހުން މި މައްސަަލއިގައި ހެކިބަސް ދޭން ބުނި މީހުންނާއި އަނިޔާ ލިބުނު މީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާން ކޮށް ފުލުހުންނަށާއި ޕީޖީއަށް ސިޓީ ފޮނުވާފައި ކަމަށެވެ.

ނަމަވެސް ޕީޖީން މި މައްސަލަަ ކުރިއަށް ގެންދިއުމަށް އަނިޔާލިބުނު މީހުންނާ ބައްދަލުކޮށް ވެސް ކަންކަން ސާފުކޮށްފައި ކަމަށް ޕީޖީން ބުނެއެވެ. އަދި މި މައްސަލައިގައި ހެކިންގެ ހެކިބަހާ ނުލައި ދައުވާތައް ސާބިތު ކުރެވޭނެ ގޮތެއް ނެތުމުން އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދިއުމަށް މި މަހުގެ 6 ވަނަ ދުވަހު ވަނީ ކަނޑައަޅާފައި ކަމަށް ޕީޖީއިން ބުނެއެވެ.

ޕީޖީގެ އެ ނިންމުމާ ގުޅިގެން އަލީ ވަހީދު ވަނީ "އަލްހަމްދުﷲ" ޖެއްސެވުމަށް ފަހު ލަވައެއްގެ ކަޑިއެއްވެސް ލިޔުއްވާފައެވެ. އެ ޓުވީޓުގައި އަލީ ވަހީދުގެ ކުޑައިރުގެ ފޮޓޯއަކާއި އެ ލަވައިގެން ލިންކުވެސް ވަނީ ހިއްސާ ކުރައްވާފައެވެ.

މިހާރުވެސް ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ ވަހީދު ވަނީ ޓުވީޓާ މެދުވެރިކޮށް އަދި އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެފައެވެ.

އަލީ ވަހީދު ވިދާޅުވީ ރެހެންދި ފްލެޓުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށާއި ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އެ ފުޓޭޖް ބެލުމުން އަލީ ވަހީދު ދައްކަވާ ވާހަކައިގެ ހަގީގަތް އޮޅުން ފިލާނެ ކަމަށްވެސް އޭރު އަލީ ވަހީދު ވިދާޅުވިއެވެ.

ކެބިނެޓުގައި ހިމެނޭ މިނިސްޓަރުންނަށް ވެސް ބަހުގެ ހަަމަލާތައް އަމާޒުކޮށްފައިވާ އަލީ ވަހީދު ވަނީ މި ސަރުކާރު ގެނައުމަށް މަސައްކަތްތަކެއް ކުރެވުނީތީ އެކަމާ ރައްޔިތުންގެ އަރިހުން މައާފަށް އެދިވަޑައިގަނަވާ ކަމަށާއި އަދި އެކަން ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވެސް އޭރު ވިދާޅުވެފައެވެ.