މިދުވަސްވަރު މަދިރި އާލާވުން އިތުރުވެ ޑެންގޫޖެހޭ ނިސްބަތް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާބަންކޯ އިން ހުޅުމާލެ ފޮގް ކުރަން ފަށައިފިއެވެ.

އާބަންކޯ އިން ބުނީ ކޮންމެ އަހަރެއްގެވެސް ޖޫން އަދި ޖުލައި އަކީ ވިއްސާރަ ދުވަސްވަރެއްކަމުން މި ދުވަސްވަރު މަދިރި އާލާވެ ޑެންގޫ ބަލި ފެތުރޭ މިންވަރު އިތުރުވާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަން ކޮންޓްރޯލްކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އާބަންކޯ އިން ކުރާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި މަދިރި އާލާވުން ނައްތާލުމަށް ފޮގް ކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

މި ގޮތުން ކޮންމެ ދުވަހަކު ފަތިހު އަދި ހަވީރު ހުޅުމާލެ ތެރެ ފޮގްކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ، އަދި ފޮގް ކުރުމުގައި އިސްކަންދެނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ފަދަ ސަރަހައްދުތައް ކަމަށް އާބަންކޯ އިން ވަނީ ބުނެފައެވެ.

ޑެންގޫ އިން ސަލާމަތް ވުމަށް ގެއާއި ގޯތިތެރެ އަދި ވާރޭ ވެހޭ ސަރަހައްދުގައި ފެން ހަރުލާ ގޮތަށް ހުންނަ ފުޅި، ދަޅު، ކާތަކެއްޗާއި ޕެކެޓް ފަދަ އެއްޗެހި ނައްތައިލުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ފެންވަޅުތަކާ ތާނގީފަދަ ތަންތަން ސާފުކޮށް ކްލޮރިން އަޅައި މަތި ބަންދުކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.