ރާއްޖެ އާއި އީޔޫ ގުޅިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގާނޫނުގެ ވެރިކަމާއި، ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ކުރިއަށް ގެންދިޔަ ރާއްޖެ އާއި އީޔޫގެ ހަތަރުވަނަ ރަސްމީ ބައްދަލުވުމުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސާޓޭޓްގެ މިނިސްްޓަރ އަހުމަދު ހަލީލްއެވެ. އަދި އީޔޫގެ ފަރާތުން ސޮއިކުރެއްވީ މިސަރަހައްދަށް ކަނޑައަޅުއްވާފައި ވާ ޑައިރެކްޓަރު މެޓްރިސްއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޖުޑިޝަރީ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތުގައި އީޔޫގެ އެހީތެރިކަން ލިބިގެން ދާނެއެވެ. އަދި ކޮރަޕްޝަން މަދުކުރުމަށް ބޭނުންވާ ހަރުދަނާ ގާނޫނީ އޮނިގަނޑުތައް އެކުލަވާލުމާ އެކަމާއި ގުޅޭ މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށް ދޭނެއެވެ.

އަދުލް އިންސާފު ގާއިމްކުރެއްވުމުގެ ދާއިރާއާއި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރައްވާ ދާއިރާތަކުގެ ބޭފުޅުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް އީޔޫ އިން 83.7 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދޭނެއެވެ.