މިއަހަރުގެ ބޮޑު އީދު ދުވަސް އައިސް ގާތް ވަނީއެވެ. އީދަށް ރާއްޖޭގެ އެކި ހިސާބުތަކަށް ދާ މީހުން މިހާރުވެސް މަޑު މަޑުން ފުރަން ފަށައިފިއެވެ. އެއްބައި މީހުން ފޮށިތަންމަތި ބަންދުކޮށްގެން އިންތިޒާރު ކުރަނީ ސްކޫލު ރިޕޯޓް ފޮތް ދޭ ދުވަހަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފޯރިއަށް ތައްޔާރުވަމުން އަންނައިރު އީދު ތެރޭ އަބަދުވެސް އެންމެ ބިޒީ ޝެޑިއުލް އެއް ގެންގުޅެނީ ނެށުންތެރިންނެވެ.
ރަށްރަށަށް ދާން ޓިކެޓް ނަގާ މީހުން ގިނަ ކަމުން ފްލައިޓް ތަކާއި ލޯންޗްތަކުގެ ޝެޑިއުލް ފުލް ވަމުން އަންނައިރު ބައެއް ލޯންޗުތަކުން ދަތުރުތައް އިތުރުވެސް ކޮށްފިއެވެ. ނެށުންތެރިންގެ ޝެޑިއުލްވެސް ފުލްވަމުން އަންނައިރު އެހެން އަހަރުތަކެކޭ އެއްގޮތަށް ދިވެހި ފިލްމު އިންޑަސްޓްރީގައި ފެހުމާއި، ކޮސްޓިއުމްސް ޑިޒައިންކުރުމުގެ އިތުރުން ނެށުމުގެ ގޮތުން ވެސް އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ތަރި ޖާދުﷲ އިސްމާއިލް (ޖާދު)ގެ ނަށާ ދެ ޓީމު އޮތީ އީދަށް ދޮންވެ ފައްކާވެފައެވެ.
ދެ ޓީމަކަށް ބަހާލައިގެން ޖާދުގެ ޓީމުތައް މިއަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޝޯ ދޭނެއެވެ. މި މަހުގެ 28 ވަނަ ދުވަހު ތޮއްޑޫ، 29 ވަނަ ދުވަހު ރ އަލިފުށީ، 30 ވަނަ ދުވަހު ނ. ވެލިދޫ، ޖުލައި 1 ގައި މަނަދޫ އަދު 2 ޖުލައިގައި މާކުރަތު އަށް ޖާދުގެ ޓީމު ޝޯދޭނެއެވެ. މިޓީމުގައި ހިމެނެނީ މަރިޔަމް އައްޒަ، ފަރީލާ (ފަރީ)، ސޮބާ، އަންޖު، ޖާދު، ސަމާ އަދި އާމިރާއެވެ.
ޖާދުގެ ދެވަނަ ޓީމު މެންބަރުން ކަމަށްވާ، ސަލްވާ، ޝައި، މޫސަ، ޝިޔާ، ޝަޒާން، ސާރާ އަދި ރިއްކޮ ޝޯ ދޭން އަދި ހަމަޖެހިފައިވަނީ ހިންމަފުށި، ދޮންފަނު އަދި އުނގޫފާރު ގައެވެ. ހިންމަފުށިގައި މި މަހު ޝޯ ދޭން ހަމަޖެހިފައި ވާއިރު ދޮންފަނުގައި މި ޓީމު ޝޯ ދޭނީ މި މަހު 29 ގައެވެ. އަދި 30 ވަނަ ދުވަހު އުނގޫފާރުގައި މި ޓީމުން ޝޯ ދޭގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އީދުވެސް ފަންނާނުންގެ ހުށައެޅުންތަކާއެކު ވަރަށް ފޯރިގަދަވާނެއެވެ. މިތަނުން ކޮންމެވެސް ރަށަކަށް ދާން އަވަހަށް ފޮށިމަތި ތައްޔާރުކުރާށެވެ.