ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުންނާ ހަވާލުކޮށްފިއެވެ.
އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ގުޅޭ ފަހުމުނާމާއެއްގައި ފުލުހުންގެ ހިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާއިރު ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއެވެ.
މިފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް ދެއްކެވި ވާހަކަގައި، މި ފަހުމުނާމާއަކީ އިލެކްޝަންސް ކޮމިޝަނުން ކުރާ އިންތިހާބާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދިނުމަށް ސޮއިކުރި ފަހުމުނާމާ އެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ އިލެކްޝަންސް ކޮމިޝަންސްގެ ސަލާމަތީ ކަންކަމާއި އިންތިހާބާ ގުޅުންހުރި ކަމެއްގެ ގޮތުގައި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ އެނޫންވެސް ކަންކަމުގައި އެ ކޮމިޝަންގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެފަރާތުން އަމަލުކުރާނެ ގޮތްތަކާ ހަމަތައް ބަޔާންކުރާ ފަހުމުނާމާއެއް ކަމަށް ވެސް އީސީގެ ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިިބިފައިވާ އުމުރުން 18 އަހަރުން މަތީގެ 282،672 މީހުން އެބަ ތިއްބެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން އަންނަނީ މި އިންތިހާބަށް ފޯރިއާއި އެކު ތައްޔާރުވަމުންނެވެ. މި ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޓިކެޓް ދީފައިވަނީ ރައީސް އަބްދުﷲ ޔާމީންއަށެެވެ. އަދި ޖުމްހޫރީ ޕާޓީން އިންތިހާބުގައި ގާސިމް އިބްރާހީމް ވާދަކުރައްވާއިރު އެމްއެންޕީގެ ޓިކެޓް މުހައްމަދު ނާޒިމް އަށް ވަނީ ދީފައެވެ.
މީގެ އިތުރުން މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ވާދަކުރާނެކަން ހާމަކޮށްފައިވާއިރު އަމިއްލަ ގޮތުން ވާދަކުރާނެކަމަށް އުމަރު ނަސީރު ވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި އިންތިހާބުގައި ފާރިޝް މައުމޫނު ވާދަކުރައްވާނެކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.