ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މަޖިލީހުގެ ނިޒާމުގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހައްދަވަން، އަމީން އާންމު ފާތިމަތު ނިޔުޝާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ނ) އާ ހަވާލާދެއްވާ ނިޔުޝާ ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ، އެ ގަރާރުގެ ނޯޓިހުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވުމާ އެކު، އެ ތާރީހުން ފެށިގެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަސް ކަމަށްވާ އާދީއްތަ ދުވަހު ޖަލްސާ އެއް ބޭއްވި، އެ ޖަލްސާ އަށް ހުށަހެޅެން ވާނެ ގަރާރެއް ކަމަށެވެ.

ނަމަވެސް، އެ ޖަލްސާ ނުބޭއްވުނީ، އީވާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން، އެ ގަރާރު ހިނގަމުންދާ ޖަލްސާއެއްގައި ވާހަކަ ދައްކާނެ މެންބަރުންގެ އަދަދާއި، މެންބަރަކު ވާހަކަ ދައްކަން ލިބޭ ފުރުސަތުގެ ދިގުމިނާއި، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ކ) އާ ހަވާލާދީ، އީވާ އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ލިބިވަޑައިގަންނަވާ ފުރުސަތުގެ އަދަދާއި ދިގުމިން އެ މުއްދަތުގައި ކަނޑައެޅިފައި ނުވާތީ ކަން ނިޔުޝާ ފާހަގަކުރެއްވިއެވެ.

ތިން ސަފްހާގެ އެ ސިޓީގައި ނިޔުޝާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި އޮތުމަކީ، އަދި ކޮމިޓީތަކަށް ބަދަލު ގެނެވެންދެން ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައި ނެތުމަކީ، އީވާ މަގާމުން ވަކިކުރުމުގެ ގަރާރު ހުށަނާޅާ މަޑުޖެއްސިދާނެ ސަބަބެއްނޫނެވެ.

އެ ސިޓީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ މެދު ވަކި ގޮތެއް ނުނިމެނީސް، އީވާ ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އަންގަވާފައިވާ ކަން ފާހަގަކުރައްވައި ނިޔުޝާ ވަނީ، ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފާގެ ވެސް މަތިން އެ ޖަލްސާ ކުރިއަށް ގެންދިއުމަށްޓަކައި ތިން ލަފައެއް އަރުއްވައިފައެވެ. އެއީ:- އީވާ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ހުށަހެޅޭ ޖަލްސާގައި އެ ގަރާރަށް ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދާއި ފުރުސަތުގެ ދިގުމިން މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައެޅުން އަވަސްކުރުމަށްޓަކައި، ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއަކަށް އެޖެންޑާކޮށް، އީވާ ވަކިކުރުމުގެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އެހެން މެންބަރަކާ ހަވާލުކުރުމަށް

- އީވާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ހުށަހެޅުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު އެހެން މެންބަރަކާ ހަވާލުކޮށް، އެ ޖަލްސާގެ ބަހުސްގެ ވަގުތުތަކާއި އަދަދުތައް ކަނޑައަޅައި، ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް

- އެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި، ބަހުސް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ ދަށުން އާންމު ޖަލްސާއަކަށް ނަޝީދު އެކަން އެޖެންޑާކުރެއްވުމަށް

މަޖިލީހުގެ ޖަލްސާތަކުގެ އިންތިޒާމްތައް ހަމަޖެއްސުމަކީ އެއީ މަޖިލީހުގެ ގަވައިދުގެ ދަށުން އޭނާގެ މަސްއޫލިއްޔަތެއް ކަން ނިޔުޝާ ހަނދާން ކޮށްދެއްވާފައި ވެއެވެ.

ހަމަ އެހެންމެ ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާ ގުޅޭގޮތުން ވަކި ގޮތެއް ނިމުމާ ހަމައަށް އެމަނިކުފާނު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުން އެއްކިބާވެވަޑައިގެންނެވި ކަމަށް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވި ނަމަވެސް، މަޖިލީހުގެ ގަވައިދުގައި ބަޔާންކުރާ މިންވަރުގައި މަޖިލީހުގެ ކަންކަން ހިންގެވުމުގައި ދެމިހުންނަވާނެ ކަމަށާއި، އެ މައްސަލަ ހިނގަމުންދާއިރު ނިޔުޝާގެ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވި ކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

އެކަން ފާހަގަކުރައްވައި ނިޔުޝާ ނަޝީދުގެ އަރިހުން އެދިވަޑައިގަތީ، އީވާ ނައިބު ރައީސްކަމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމުގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށެވެ.

މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާގައި އީވާގެ މައްސަލަ އެޖެންޑާކޮށްފައި އޮތް ނަމަވެސް، ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ.

ނިޔުޝާ މިއަދު ވިދާޅުވީ، އީވާ މަގާމުން ވަކިކުރުމުގެ ގަރާރެެއް ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނަޝީދު ކަމަށް، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި (ބ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، ނަޝީދަށް އޭނާ އިއްޔެ ފޮނުއްވި ސިޓީއެއްގައި މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވާނީ ނަޝީދު ކަމަށް، އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައި ވާނެ ކަމަށެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށް ހުށަހެޅިފައިވާ ގަރާރާ މެދު ވަކި ގޮތެއް ނުނިމެނީސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމުގެ ސިޓީއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާނެ ގޮތެއް ކަނޑަނޭޅި، މިއަދުގެ ޖަލްސާ ކުރިއަކަށް ނުދިޔައެވެ.