ރޭ 'ދަ ޑިމޮކްރެޓްސް' ޖަގަހައަށް ކަޅު ތެޔޮ ޖެހި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޖަގަހައަށް ކަޅު ތެޔޮ ޖެހި މައްސަލަ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު މި މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސް ޖަގަހައިގައި ސަޕޯޓަރުންނާއި އެ ޕާޓީގެ ބައެއް ފަރާތްތަކުން ހަރަކާތްތެރި ވަމުން ދަނިކޮށް އެ ޖަގަހައަށް ކަޅު ތެޔޮ ޖަހާފައިވަނީ ސައިކަލެއްގައި ދިޔަ ބަޔަކެވެ. މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ ގަޔަށް ވެސް ކަޅު ތެޔޮ ބުރާފައިވާއިރު އެ ސަރަހައްދުގައި ހަރަކާތްތެރި ވިދަ ޑިމޮކްރެޓްސްގެ ސަޕޯޓަރުން ވަނީ މިއީ އެމްޑީޕީގެ ހަޑި މުޑުދާރު އަމަލެއްކަމަށް ތުހުމަތުކޮށްފައެވެ.

ކަޅުތެޔޮ ޖެހި ޑިމޮކްރެޓްގެ ޖަގަހައަކީ އާޓިފިޝަލް ބީޗް ކުރިމައްޗަށް ވާ ގޮތަށް ހުންނަ ހ. ވެޔިވިލާ ގޭގައި މީގެކުރިން އެމްޑީޕީ ޖަގަހެއްގެ ގޮތުގައި ބޭނުންކުރަމުން އައި ތަނެކެވެ.