ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށްޓަކައި ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޒުރުވެރިވެވަޑައިގަތުމުން، ރިޔާސަތުގައި އިންނަވާނެ ބޭފުޅަކު ހަމަޖެހެންދެން ޖަލްސާ ފެށުން ފަސްކޮށްފިއެވެ.

އީވާގެ އިތުބާރު ނެތް ކަމަށް 50 މެންބަރަކު ސޮއިކޮށް މިދިޔަ މަހުގެ 23 ގައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނީ އޭނާ އެމްޑީޕީން ވަކިވެ، ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާ އެކު "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ވަކި ޕާޓީ އެއް އުފައްދަވަން ފެއްޓެވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށްޓަކައި ސަބަބު ބަޔާންކޮށް ގަރާރެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން، ނުވަތަ އެއަށް ވުރެ ވެސް ގިނަ މެންބަރުންގެ ސޮޔާ އެކުއެވެ. އަދި އެ ގަރާރު ލިބުމުން، ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި މަޖިލީހުގެ އަމީން އާންމު ގަރާރުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް ދިނުމަށް ފަހު، 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ވާނެއެވެ.

އެ ނޯޓިހުގެ މުއްދަތު ހަމަވެ، މިއަދުގެ ޖަލްސާ އަށް އީވާގެ މައްސަލަ އެޖެންޑާކޮށްފައި ނުވާތީ އިއްޔެގެ ޖަލްސާ ކުރިއަށް ގެންދިޔަމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ހުރަސް އަޅުއްވާފައެވެ. ނަމަވެސް މިއަދު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވަނީ މިއަދު އެޖެންޑާކޮށްފައެވެ.

އަމީންއާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ، އީވާ މަގާމުން ވަކިކުރުމުގެ ގަރާރެެއް ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނަޝީދު ކަމަށް، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައި (ބ) ގައި ބަޔާންކޮށްފައިވާ ކަމަށާއި، ނަޝީދަށް އޭނާ އިއްޔެ ފޮނުއްވި ސިޓީއެއްގައި މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ވާނީ ނަޝީދު ކަމަށް، އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައި ވާނެ ކަމަށެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށް ހުށަހެޅިފައިވާ ގަރާރާ މެދު ވަކި ގޮތެއް ނުނިމެނީސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ކަމުގެ ސިޓީއެއް ލިބިފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެހެންކަމުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާނެ ގޮތެއް ކަނޑަނޭޅެނީސް މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ކަމަށް ވިދާޅުވެ، މީގެ ކުރިން ވެސް ނަޝީދު ސިޓީ އެއް ފޮނުއްވާފައިވެއެވެ. ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވީ ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ މިންވަރުގައި މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމިހުންނަވާނެ ކަމަށާއި، އަދި މައްސަލަ ހިންގަމުންދާއިރު އަމީންއާންމުގެ މަސްއޫލިއްޔަތަކާއި ވާޖިބުތަކަށް ކުޑަކޮށް ވެސް ހުރަސް އެޅޭ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް، ނަޝީދު ވިދާޅުވެފައިވެއެވެ.