ސީޝެލްސް އާއި ރާއްޖެއާ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސީޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި ރައީސް ސޯލިހް މީޑިއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާނެއް ދެއްވަމުން އެ ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ޖަޒީރާތަކުގެ ރަށްވެހީންގެ ހައިސިއްޔަތުން އާދަކާދަތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅީގައި ވެސް އެއްގޮތް އެތައް ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. ހަމައެއާއެކު، ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، ދެ ގައުމުގެ އިގްތިސޯދަށް ވެސް ކަނޑު ރޯދިން ބޮޑެތި މަންފާތަކެއް ލިބޭކަމާ އަދި ދެ ގައުމުގެ ސުލްހައާއި ސަލާމަތްތެރިކަން ގުޅިފައި ވަނީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއެކު ކަން ފާހަގަކުރައްވާފައެވެ.

ގުޅިފައިވާ ބަޔާން ދެއްވަމުން ދެބޭފުޅުން ވަނީ ދެ ގައުމަށް ވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ ނޭދެވޭ އަސަރުތައް ކަން ފާހަގަ ކުރައްވާފައެވެ. ރައީސް ސޯލިހް ވާހަކަފުޅުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި ތަރައްގީގެ މަގުގައި ދެ ގައުމުގެ ތަޖުރިބާ އާއި އަދި ދެ ގައުމަށް ވެސް ހައްސާސް މައްސަލަތަކަށް ހައްލު ހޯދުމުގައި މިހާރަށް ވުރެ ބޮޑަށް ގުޅިގެން، އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން އިތުރުކުރަން ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ.

މިއަދު ދެ ގައުމުގެ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކަށް އަލިއަޅުވާލައްވަމުން ރައީސް ސޯލިހް ވަނީ މި މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމާއި އަދި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައިވާ ކަމުގައި ވިދާޅުވެފައެވެ.

މިއަދު ދެ ގައުމުގެ ދެމެދު ސޮއިކުރި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމާއެކު ދެ ގައުމުގެ ރައްޔިތުން ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފުޅާވެ، ދެ ގައުމުގެ ދެމެދުގައި ހިނގާ މުއާމަލާތްތައް އިތުރުވެގެން ދިއުމަށް މަގު ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ދެ ގައުމުގެ ދެމެދު ސޮއިކުރި އިތުރު އެއްބަސްވުންތަކާއެކު ދެ ގައުމުގެ ދެމެދު އެއްބާލުން އިތުރުކޮށް ތަޖުރިބާ ބަދަލުކުރުމާއި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު އިތުރުވެގެންދާނެ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާ ސީޝެލްސްގެ ރައީސް ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަލަށް ފެތުރެމުން އަންނަ ސަލާމަތީ މައްސަލަތައް ކަމަށްވާ ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވަގުފާރިއާއި، ނިރުބަވެރިކަމާއި، ގާނޫނާ ހިލާފަށް، ގަވާއިދުތަކުގެ ބޭރުން ޑޮކިއުމަންޓު ނުކުރެވޭ ގޮތަށް މި ސަރަހައްދުގައި ކުރެވޭ މަސްވެރިކަން ފަދަ ސަލާމަތީ މައްސަލަތަކަށް ހައްލު ހޯދުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި މިއަދު ސޮއިކުރި، ޕްރޮޓޮކޯލް އޮން ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް އެންޑް އަދާ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސްއަކީ، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަސައްކަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅިފައިވާ ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ސީޝެލްސްގެ ރައީސް ވަނީ ކުރިއަށް އޮތްތަނުގައި ރާއްޖެއާއި ސޭޝެލްސްއާ ދެމެދު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިވެ، ބައިނަލްއަގްވާމީ މައިދާނުގައި ވެސް ގުޅިގެން ކުރާ މަސައްކަތްތައް އިތުރު ކުރެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.