އޯޝަން ކިންގް ނަމުގައި ރ. ދުވާފަރުގައި ހުންނަ ގުދަނަކުން 7 ހުއިފިލަނޑާ ވަގަށް ނެގި މައްސަލައިގައި އެ ރަށު މީހަކު 4 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 23 ވީ ދުވަހުގެ މެންދަމު 3:40 ހާއިރު އެމީހާ އާއި އިތުރު މީހަކު އޯޝަން ކިންގް ނަމަކަށް ކިޔާ ރ. ދުވާފަރުގައި ހުންނަ ގުދަނަކުން 7 ހުއިފިލަނޑާ ވަގަށް ނެގި މައްސަލައިގައި އެމީހާގެ މައްޗަށް ވަނީ އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާ އާއި ވައްކަން ކުރުމުގެ ދައުވާ ކޮށްފައެވެ. މި މައްސަލައިގެ އިބްތިދައީ އަޑުއެހުމުގައި އެމީހާ ވަނީ ކުށަށް އިއުތިރާފް ވެފައެވެ.
އެހެންކަމުން އެ މައްސަލަ ބަލައި ހުކުމް ކުރީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. ދައުލަތުން އެދުނީ އޭނާ ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް ކޯޓުން ކަނޑައެޅީ އޭނާގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާ އެއް ދުވަހާއި ވަގުތުކޮޅެއް ބަންދުގައި ހުރެފައި ވާތީ އެ މުއްދަތު ހުކުމުގެ މުއްދަތުން ކަނޑެމަށް ފަހު އޭނާއަށް ވަނީ 4 މަހާއި 22 ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ. ހަމައެއާއެކު އެނގިހުރެ ހުއްދަ ނެތް ތަނކަަށް ވަނުމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ވެސް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އޭނާ އަކީ ފާއިތުވީ ދެއަހަރުގެ ތެރޭގައި ވެސް އިތުރު ވައްކަމުގް މައްސަލައެއް ސާބިތުވެ ހުކުމްކޮށްފައިވާ މީހެކެވެ. އެފަހަރު އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ 4 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރާށެވެ.