ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
އެކަން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އީވާގެ އިތުބާރު ނެތް ކަމަށް 50 މެންބަރަކު ސޮއިކޮށް މިދިޔަ މަހުގެ 23 ގައި ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅާފައި ވަނީ އޭނާ އެމްޑީޕީން ވަކިވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާ އެކު "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ވަކި ޕާޓީ އެއް އުފައްދަވަން ފެއްޓެވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށްޓަކައި ސަބަބު ބަޔާންކޮށް ގަރާރެއް ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން، ނުވަތަ އެއަށް ވުރެ ވެސް ގިނަ މެންބަރުންގެ ސޮޔާ އެކުއެވެ. އަދި އެ ގަރާރު ލިބުމުން، ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި މަޖިލީހުގެ އަމީން އާންމު ގަރާރުގެ ނޯޓިސް މަޖިލީހުގެ ރައީސަށާއި މެންބަރުންނަށް ދިނުމަށް ފަހު، 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ވާނެއެވެ.
އެ ނޯޓިހުގެ މުއްދަތު ހަމަވެ، މިއަދުގެ ޖަލްސާ އަށް އީވާގެ މައްސަލަ އެޖެންޑާކޮށްފައި ނުވާތީ މިއަދުގެ ޖަލްސާ ކުރިއަށްގެންދިޔަމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ހުރަސް އަޅުއްވާފައެވެ.
ވެރިކަންކުރާ އެމްޑީޕީން މަޖިލީހުގެ 13 މެންބަރަކު ވަކިވެ، މެންބަރުން މަޖިލީހުގައި ތަމްސީލުކުރާ ގޮތަށް ބަދަލު އައުމުން، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނު ނަމަވެސް، ކޮމިޓީތައް އެކުލަވާނުލެވި އޮތުމުގެ ސަބަބުން، ކޮމިޓީތަކުގެ މަސައްކަތްތައް ތިން ހަފްތާ ވަރު ވަންދެން ވަނީ ހުއްޓިފައެވެ. އެއާއެކު، މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ ވެސް އޮތީ ހުއްޓިފައެވެ.
ކޮމިޓީތައް އެކުލަވާލެވުން ލަސްކުރަނީ ނަޝީދު، އީވާގެ މައްސަލަ ހުއްޓުވާފައި ބޭއްވުމަށް ކަމަށް، އެމްޑީޕީން ދަނީ ތުހުމަތުކުރަމުންނެވެ.