ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މާލެ ސަރަހައްދުގައި ދިރުއުޅޭ މީހުންނަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނާ މިސްކީނުންނަށް، ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާކަމަށެވެ.

މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ މިއަހަރުގެ ޒަކާތުގެ ފައިސާ ހަވާލުކުރެވުނު ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އެންގިފައި ނުވާ ފަރާތްތަކަކީ މި ވަގުތު ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށާ އެ ފަރާތްތަކުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާއެއްގައި، ޖުލައި 22 ވަނަ ދުވަހުގެ ކުރިން 18 އަހަރު ފުރޭ ކުއްޖަކު ހުރި ނަމަ އެކުއްޖަކާ އަދި 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އެމީހަކު ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

މީގެ އިތުރުން އަލުން ދަފުތަރުގައި ރަޖިސްޓްރީކުރަން ޖެހެނީ މިހާރު މާލޭގައި ދިރިނޫޅޭ ފަރާތްތަކާ، ދަފުތަރުގައި ރަޖިސްޓްރީކުރި ފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ ފަރާތްތަކާ އަދި މިހާރު ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަކުންނެވެ.